އައްޑޫ ސިޓީގެ ބައެއް ސަރަހައްދުތަކަށް މިއަދު ވެސް ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވަމުން އެބަދެ އެވެ.
އައްޑޫގެ ރައްޔިތަކު ސީއެންއެމްއަށް މައުލޫމާތު ދިން ގޮތުގައި މިއަދު މެންދުރު 12:45 ހާއިރު ކަރަންޓު ދިޔަ އެވެ. ނަމަވެސް މިހާރު ކަރަންޓު އައިސްފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އައްޑޫގެ ހަބަރުތައް ގެނެސްދޭ އައްޑޫ ލައިވް ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ކަރަންޓު މައްސަލަ ހައްލު ކުރުމަށް ފެނަކައިން މަސައްކަތް ކުރަމުން ދާއިރު، މިއަދު ވެސް ބައެއް ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ.
އެކަމާއި ގުޅޭ ގޮތުން ފެނަކައިގެ ބަހެއް ނުލިބެ އެވެ.
އައްޑޫ ސިޓީއިން އެންމެ ފުރަތަމަ ކަރަންޓު ދިޔައީ އިއްޔެ ހަވީރެވެ. ފެނަކައިން ކުރި މަސައްކަތުން އަލުން ކަރަންޓު ލިބިފައި ވަނީ ރޭ 01:30 ހާއިރެވެ.
ފެނަކައިން މިއަދު ބުނީ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ދެވިފައި އޮތް ކަމުގައިވީ ނަމަވެސް މައްސަލަ އެއްކޮށް ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
އެ ސިޓީ އިން އިއްޔެ ކަރަންޓު ކެނޑުނީ ޕަވާ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މިއަދު ސީއެންއެމްއަށް ވިދާޅުވީ އައްޑޫގައި ގާއިމް ކުރަން ނިންމަވާފައިވާ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ކަންތައް ކުރިއަށް ދިއުމުން އެ ސިޓީގެ ކަރަންޓަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ކޮންޓްރެކްޓާއެއް ހަމަޖެހި، ސޮއިކުރެވޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އޭގެ އިތުރުން މިހާރު އައްޑޫގެ ޑިމާންޑާ އެއްވަރަށް ކަރަންޓު އުފެއްދެމުން ނުދާތީ، އިތުރު ދެ މެގަވޯޓުގެ ދެ ޖެނެސެޓް މި އަންނަ މަސް ތެރޭގައި އައްޑޫއަށް ފޮނުވާލެވޭ ކަމަށް ސައީދު ވިދާޅުވި އެވެ.
"އައްޑޫގެ ކަރަންޓާ އަޅުގަނޑު ހަވާލުވި އިރުވެސް ވަރަށް ނާޒުކު ހާލަތެއް، މިދިޔަ ސަރުކާރުގަ އެއްވެސް ގޮތަކަށް ނެތް އައްޑޫގެ ކަރަންޓާ ދޭތެރޭ އެއްވެސް ވަރަކަށް ނެތް ވިސްނާފައެއް، އެއްވެސް ކަމެއް ވެސް ކޮށްފައެއް ނެތް. ނަތީޖާއަކީ މިއަދު އިރުކޮޅަކާ އައްޑޫން ކަރަންޓު ދާން ދިމާވުން،" ސައީދު ވިދާޅުވި އެވެ
އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެކަމުގެ ޝަކުވާ ރައްޔިތުން ސަރުކާރުތަކުގައި ކުރަމުން އަންނަތާ ވެސް އަހަރުތަކެއް ފާއިތު ވެއްޖެ އެވެ.
މިއަދު ވެސް އައްޑޫ އިން ކަރަންޓު ކެނޑެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ