މޫސުން ގޯސް، ކަނޑު ދަތުރު ކުރާއިރު ސަމާލުވޭ: އެމްއެންޑީއެފް

ކުރިއަށް އޮތް ފަސް ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކަނޑު ދަތުރުކުރާއިރު ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ފަސް ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ދެކުނު އަތޮޅުތަކަށް އާދަޔާ ހިލާފަށް ކަނޑުގަދަވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި، ކަނޑު ދަތުރު ކުރާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.
އަދި ރޭގަނޑު ދަތުރުކުރާނަމަ އިތުރަށް ސަމާލުވުމަށާއި، ދަތުރު ކުރާ އުޅަނދުތަކުގައި ލައިފްޖެކެޓާއި މުއާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމުތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި. އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ، ބޮޑަށް ބަރު ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން ޑައިވިިން ކުރުމާއި، އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރާވާ ހިންގުމަށާއި، ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނި ފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަން ދިނުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ކަނޑު ދަތުރު ކުރާއިރު، އެއްވެސް ހާދިސާއެއް ހިނގައިފިނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށްވެސް ވަނީ އިލްްތިމާސްކޮށްފައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ 7:00 އިން މިރޭ 11:00 އަށް ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައެވެ. މިރޭ 7:00 އިން މިރޭގެ 11:00 އަށް ޔެލޯ އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށެވެ. އެލާޓްގައި ބުނެފައިވާ ގޮތުން، އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ.
ރާއްޖޭގެ މޫސުން ކުރިއަށް އޮތް 12 ގަޑިއިރަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ