މޫސުން ގޯސްވުމުން ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި

މާލެއާއި އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ. މިރޭ 11:00 ފެށިގެން 5:00 ޖެހުމާއި ހަމައަށް ވައިޓް އެލާޓް ނެރިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. ވައިޓް އެލާޓް ނެރެނީ އެވްރެޖްކޮށް 23 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމާއި، 24 ގަޑިއުރުގެ ތެރޭގައި 50 މިލީލިޓަރަށް ވުރެ ގިނައިން ވާރޭ ވެހުމުންނެވެ. އެގޮތުން މެޓް އޮފީހުން ވައިޓް އެލާޓް ނެރިފައިވަނީ ހއ. އަތޮޅާއި ތ. އަތޮޅާއި ދެމެދުގެ ރަށްރަށަށެވެ. އެހެންކަމުން ރަށްރަށަށް ވާރޭގެ ސަބަބުން ފެންބޮޑުވުން ފަދަކަމެއް ދިމާވެދާނެތީ ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ވައިގަދަވުމުގެ ކަނޑުގަދަވުން ފަދަ ކަމެއް ދިމާވެދާނެ ކަމަށް ބަލައި ސަލާމަތީ ކަންކަމަށް ބަލައިގެން ދަތުރުކުރުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކުރެ އެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް 24 ގަޑިއިރަށް ދެމިގެން ދާނެ ކަމަށާއި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ވަނީ ބުނެފަ އެވެ. ރާއްޖެއަށް އާންމުކޮށް ވެސް ކޮންމެ އަހަރެއްގެ ޖޫން އަދި ޖުލައި މަހު ވިއްސާރަ ކުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ