އަދީބާ އެކު އެމްޑީޕީން ޑީލް ހަދާފައި އޮތަސް ސަރުކާރުން ކުރާނެ ކަމެއް ނެތް: އުމަރު
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު އެމްޑީޕީން ޑީލް ހަދާފައި އޮތަސް އެކަމާ ސަރުކާރުން ކުރާނެ ކަމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިގޮތަށް ވިދާޅުވެ ޓުވީޓް ކުރެއްވީ ސަރުކާރާއި އިދިކޮޅު އެމްޑީޕީއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ޖުލައި، 26، 2015 ގައި ނަޝީދު މިނިވަންކުރަން ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބުނެ އެމްޑީޕީން ނެރުނު ބަޔާނަށް ރައްދު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ނަޝީދު މިނިވަންކުރުމަކީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މަޝްވަރާތަކުގައި ސަރުކާރާ އެކު "ސިއްރުން" ކުރިއަށް ގެންދިޔަ ކަންކަމުގެ ތަފްސީލް ހާމަކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޝްވަރާ ދިޔައީ ދެ ޗެނަލެއްގެ ތެރެއިން ކަމަށެވެ. އާއްމުންނަށް ފެންނަ ގޮތަށް އެމްޑީޕީގެ ޕާލަމެންްޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު މަޝްވަރާތައް ދިޔައިރު އަދީބު މެދުވެރިކުރައްވައި ސީދާ ރައީސް ޔާމީނާ އެކު ވެސް މަޝްވަރާތައް ދިޔަ ކަމަށް އެ ބަޔާނުގައިވެ އެވެ. އެމްޑީޕީގެ ބަޔާނުގައި ބުނީ އަށް ހަފުތާ އަށް ނަޝީދު ގޭބަންދަށް ބަދަލުކޮށް، އޭގެ ފަހުން ޖުލައި މަހު އެއްކޮށް މިނިވަންކުރަން ސަރުކާރުން އެއްބަސްވި ކަމަށެވެ. އެމްޑީޕީން ބުނި ގޮތުގައި ސަރުކާރާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔައިރު ދެ ފަހަރެއްގެ މަތިން ނަޝީދާ ބައްދަލުކުރުމުގެ ފުރުސަތު އިބޫ އަށް ވެސް ދިނެވެ. އަދި ނަޝީދު ދާއިމީކޮށް ގޭބަންދަށް ބަދަލުކޮށްފައިވާ ކަމުގެ ލިއުން ހިފައިގެން ޔާގޫތުގެއަށް ކަރެކްޝަނަލް ސާވިސް އިން ދާނެ ގަޑި ވެސް އިބޫ އަށް އެންގި ކަމަށެވެ. ނަޝީދު މިނިވަންކުރި ކަމުގެ ލިިއުން ދިނުމަށް ފަހު ހައްޔަރުކޮށް ޖަލަށް ގެންގޮސްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ