ކޮވިޑް-19 އާއި ގުޅިގެން ކުޑަކުރި ސިޔާސީ ބޭފުޅުންގެ މުސާރަ އިއާދަކުރަން ނިންމައިފި

ކޮވިޑް-19 އާއި ގުޅިގެން ކުޑަކުރި ސިޔާސީ ބޭފުޅުންގެ މުސާރަ އިއާދަކުރަން ސަރުކާރުން ނިންމައިފިއެވެ.
ކޮވިޑް-19 ފެތުރެން ފެށުމުން އިޤުތިޞާދަށް ކުރިމަތިވި ހީނަރުކަމާއި ގުޅިގެން 20000 ރުފިޔާ އާއި 30000 ރުފިޔާ އާއި ދެމެދުގެ މުސާރަ ލިބޭ މީހުންގެ މުސާރައިން %20 30000 ރުފިޔާ އާއި 60000 ރުފިޔާ އާއި ދެމެދުގެ މުސާރަ ލިބޭ މީހުންގެ މުސާރައިން %30 އަދި 60000 އަށް ވުރެ މަތީ މުސާރަ އެއް ލިބޭ މީހުންގެ މުސާރައިން %25 އުނިކުރަން މެއި މަހުގެ 16 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ނެރުނެވެ.
ނަމަވެސް އިއްޔެ ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ވަނީ މެއި 16 ގައި މުސާރަ ކުޑަކުރަން ނެރުނު ސާކިއުލާ އުވާލާފައެވެ.
ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން މުސާރަ ކުޑަވި ގިނަ ބޭފުޅުންނަކީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. މިމަހުން ފެށިގެން އެބޭފުޅުންގެ މުސާރަތައް އިއާދަވި ނަމަވެސް އަދިވެސް ރާއްޖޭގެ އިޤުތިޞާދު އޮތީ ނުރައްކާތެރި ހާލަތެއްގައެވެ.
ކޮވިޑް-19 ފެތުރެން ފެށުމުން ފަތުރުވެރިކަން މުޅި ދުނިޔޭގައި ވެސް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ. ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައި ވީނަމަވެސް ރާއްޖޭގައި ހުޅުވާފައިވާ މަދު ރިސޯޓްތަކުގެ އޮކިއުޕެންސީ ވެސް ހުރީ %10 ގައެވެ.
ކޮވިޑް-19އާ ގުޅިގެން ޖީޑީޕީ (އުފެއްދުންތެރިން) އެންމެ ބޮޑަށް ވެއްޓުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ.
އެމެރިކާގެ ވިސާ ވެއިވާ ފާމެއް ކަމަށްވާ "އެސްޓާ"އިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19އާ ގުޅިގެން ޖީޑީޕީ ދަށްވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެނީ ފަސް ވަނައިގަ އެވެ. ރާއްޖޭގެ ޖީޑީޕީ %6.9 ދަށްވެފައިވާ ކަމަށް މި ދިރާސާއިން ދައްކަ އެވެ. މިދިރާސާއަށް މައުލޫމާތުތައް ނަގާފައިވަނީ ވޯލްޑް ބޭންކާއި ވޯލްޑް ޓްރެވެލް އެންޑް ޓޫރިޒަމް ކައުންސިލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ