ދަންވަރު ކޮމިޓީ ބާއްވައި، މެންބަރުންނަށް ޖަލްސާގެ އެޖެންޑާ ފޮނުވީ ފަތިހު

މި އަހަރުގެ ފުރަތަމަ ދައުރުގެ އެންމެ ފަހު ޖަލްސާ މިއަދު މެންދުރު 13:30 އަށް ތާވަލުކޮށްފައިވާއިރު، އެ ޖަލްސާގެ އެޖެންޑާ ނިންމައި މެންބަރުންނަށް ފޮނުވީ ރޭ ފަތިހު 3:13 އެހާކަންހާއިރުކަން މިއަދު އެނގިއްޖެއެވެ. އާންމުކޮށް މަޖިލީހުގެ ޖަލްސާ ބާއްވަނީ ހެނދުނު 9:00 ގައެވެ. އެކަމަކު، މަޖިލީހުގެ މިއަދުގެ ޖަލްސާ އެޖެންޑާކޮށްފައިވަނީ 13:30 އަށެވެ. އިއްޔެ އޮތް މި ދައުރުގެ 31 ވަނަ ޖަލްސާ ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ މިއަދު ޖަލްސާ އޮންނާނެކަން އިއުލާނުކުރައްވައިފައެވެ. ދައުރު ނިންމައި ޗުއްޓީއަށް ދިއުމުގެ ކުރިން މަސައްކަތްތައް ނިންމަން ރޭ ވެސް މަޖިލީހުގައި ކޮމިޓީތައް ކުރިއަށްދިޔައެވެ. އެ ގޮތުން، ރޭ 9:00 ގައި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިއެވެ. އެއީ، އެއްކޮޅަށް ބަހުސްކުރުމަށް ފަހު ދެކޮޅަށް ވޯޓު ދީގެން އަނބުރާ ކޮމިޓީއަށް ފޮނުވައިލި ބަންޑާރަނައިބުގެ އޮފީހުގެ ބިލާ ގުޅޭ ގޮތުން މަޝްވަރާކުރާށެވެ. އެ ކޮމިޓީން ވަނީ ޑެޕިއުޓީ އެޓާނީ ޖެނެރަލް އައްޔަންކުރުމުގެ ބާރު ރައީސަށް ދިނުމަށް ފަހު ބިލު އަލުން ތަޅުމަށް ފޮނުވާފައެވެ. އޭގެ ފަހުން ރޭ ދަންވަރު 12:30 ގައި ވެސް މަޖިލީހުގެ ކޮމިޓީއެއް ބޭއްވިއެވެ. އެއީ، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރަން ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެކެވެ. https://x.com/mvpeoplesmajlis/status/1922752493823361123 ނޫސްވެރިން ސުވާލުކުރުމުން ރޭ 1:19 އެހާކަންހާއިރު މަޖިލީހުގެ އިދާރާއިން ބުނީ މިއަދު 13:30 ގައި ޖަލްސާ އޮންނާނެ ކަމަށެވެ. އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އެނގިފައިވާ ގޮތުގައި މަޖިލީހުގެ މެންބަރުންނަށް ވެސް މިއަދުގެ ޖަލްސާގެ އެޖެންޑާ ފޮނުވީ ފަތިހު 3:13 ވީ ފަހުންނެވެ. މިއަދު ބާއްވާ މި ދައުރުގެ ފަހު ޖަލްސާއަށް އެންމެ ފުރަތަމަ އެޖެންޑާކޮށްފައިވަނީ އިދިކޮޅު އެމްޑީޕީން ހުށަހަޅާފައި އޮތް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. އެއަށް ފަހު ކޮމިޓީން ހުށަހަޅާ ކަންކަމުގެ ތެރޭގައި ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއި ބަންޑާރަނައިބުގެ އޮފީހުގެ ބިލު އަލުން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ އިތުރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓެވެ. ޖަލްސާގައި އެ ބިލުތައް ފާސްކުރާނެ ކަމަށް ބެލެވޭއިރު ޖަލްސާއާ އެކު ދައުރު ނިންމައި މަޖިލީސް ދާނީ ޗުއްޓީއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ