ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފްގެ އާއިލާ އަށް ފުލުހުން ދެމުން އައި ސެކިއުރިޓީ ކަނޑާލާފައިވާ ކަމަށް އޭނާ މިރޭ ވިދާޅުވެއްޖެ އެވެ.
ބާރީއާ ދޭތެރޭގައި މި ފިޔަވަޅު އަޅާފައި މިވަނީ، ފަހަކަށް އައިސް އާދަޔާ ޚިލާފު ސްޓޭޓަސްތަކެއް ފޭސްބުކްގައި ލިއުއްވަމުން ގެންދަވަނިކޮށެވެ. އެ މެސެޖުތަކުގައި ނުސީދާކޮށް ވަރަށް ބޮޑަށް އެކި ކަންކަމަށް ފާޑުވިދާޅުވެފައިވެ އެެވެ.
ބާރީ ރޭ ފޭސްބުކްގައި އަޕްޑޭޓް ކުރެއްވި ސްޓޭޓަސްއެއްގައި ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތަކަށް އަމަލުކުރަން ބޭނުން ނުވާ ނަމަ، ގާނޫނުތައް ހަދައި ގެޒެޓްކޮށް، ޝާއިކުރުމުގެ އެއްވެސް ބޭނުމެއް ކަމެއް ނެތް ކަަމަށެވެ.
ގާޒީ ބާރީ މިރޭ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއެއްގައި ވަނީ އޭނާގެ އަނބިދަރިންނަށް ދެމުން ގެންދިޔަ ސެކިއުރިޓީ ފުލުހުން ކަނޑާލާފައިވާ ކަމަށެވެ. އެއީ ބިރު ދެއްކުމުގެ ގޮތުން ކުރި ކަމެއްނަމަ އެއީ ކުށްހީއެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ބިރު ދެއްކުމުގެ ގޮތުން ކަމަށްވާނަމަ އަދި ހީފުޅު ކުރެއްވީ ރަނގަޅަކަށް ނޫން، ކެރެންޏާ އަޅުގަނޑު މަރާލާ،" ގާޒީ ބާރީ ވިދާޅުވި އެވެ.
ކުރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ގާޒީ ބާރީ ހުންނެވިއިރު އެ ބޭފުޅާ ފާހަގަވީ ވަރަށް ނުފޫޒު ގަދަ ގާޒީއެއްގެ ގޮތުގަ އެވެ. އަދި ސިޔާސީ ބޭފުޅުންގެ ގިނަ މައްސަލަތަކެއްގެ ޝަރީއަތް ހިންގެވި ބޭފުޅެއްގެ ގޮތުގަ އެވެ.
ގާޒީ ބާރީގެ އާއިލާއަށް ދެމުން އައި ސެކިއުރިޓީ ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ