ޕާޓީއާއި މަގާމުތަކުން އަދީބް ވަކިކުރަން ތާއީދުކުރަން: މައުމޫން

ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަހްމަދު އަދީބް ޕީޕީއެމް އިން ވަކިކުރީ ރަނގަޅަށް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ ބެންގަލޫރުގައި ހުންނަ ގާޑަން ސިޓީ ކޮލެޖުގެ ދައުވަތަކަށް އެ ކޮލެޖްގެ ހަފުލާއެއްގައި ބައިވެރިވެވަޑައިގަތުމަށް މިއަދު އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މައުމޫން ވިދާޅުވީ ނައިބް ރައީސް އަދީބްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބަލާއިރު އެމަނިކުފާނު ޕީޕިއެމް އިން ވަކިކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމުން އަދީބް ވަކިކުރުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ނިންމުމަށްވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ތާއީދުކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޕީޕީއެމް އިން ވަކިކުރީ އެމަނިކުފާނުގެ މައްސަލައެއް ޕާޓީގެ ސުލޫކް ކޮމިޓީއަށް ހުށަހެޅުމުން އެމައްސަލަ ބެލުމަށްފަހު އެ ކޮމިޓީންނެވެ. އެކަމަކު ސުލޫކް ކޮމިޓީއަށް ހުށަހަޅާ މައްސަލަތަކުގައި އެހެން ބޭފުޅުންނަށް ދިފާއުގައި ވާހަކަދައްކަން ފުރުސަތު ދީފައިވީ ނަމަވެސް ނައިބް ރައީސް އަދީބަށް އެ ފުރުސަތު ދެއްވާފައެއް ނުވެ އެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވީ އަދީބަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާތީ ދިފާއުގައި ވާހަކަ ދައކަން ފުރުސަތު ދެއްވާފައި ނެތް ނަމަވެސް ޕާޓީގެ އަސާސީ ގަވައިދުގައި ބުނާގޮތުން ސުލޫކީ ކޮމެޓީން އެވަގުތަކާއި ގުޅޭގޮތުން ގޮތް ނިންމިދާނެ ކަމަށެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ނައިބް ރައީސް މަގާމުން ވަކިކުރައްވާފައިވާއިރު މި ހާދިސާ އަށް ފަހު ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް ވަނީ މަގާމުން ވަކިކުރައްވާފަ އެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް ގޭގައި މަޑުކުރައްވަން އެންގެމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މުހައްމަދު ހުސައިން ޝަރީފް އާއި މޫސާ އަލީ ޖަލީލް އަކީ ރިޔާސީ ލޯންޗްކޮޅުގެ ހާދިސާއާއި އެއްވެސް ގުޅުމެއް ހުރި ދެ ބޭފުޅުން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އަށްފަހު ސަރުކާރުގެ މަގާމުތަކުން ބައެެއް ބޭފުޅުން ވަކިކޮށް ބައެއް މުއައްސަސާތަކަށް ބަދަލު ގެނައި ނަަމަވެސް ސަރުކާރު ބަލިކަށިވެފައިވާ ކަަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް މައުމޫން ވިދާޅުވި އެެވެ. މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމާއި ވަކިކުރެއްވުމަކީ ރައީސް އަށް ލިބިގެންވާ ބާރަކަށް ވާތީ އެ އުސޫލުން އެމަނިކުފާނު އަމަލުކުރެއްވުމަކީ ސަރުކާރު ބަލިކަށިވުން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ