ބަންދުކުރި ހުޅުދެލީ ސްކޫލުގެ ކަންކަން ރަނގަޅުކުރުމަށް ފުރުސަތުދީ، ސްކޫލް ހުޅުވައިފި

ދަރިވަރުންނަށް ނުރައްކާވާ މިންވަރަށް ސްކޫލް ބާވެފައިވާ ކަމަށް ބުނެ ބެލެނިވެރިން ނުކުމެ ބަންދުކުރި ދ. ހުޅުދެލީ ސްކޫލުގެ ކަންކަން ރަނގަޅު ކުރުމަށް ސްކޫލަށް ފުރުސަތެއް ދިނުމަށްފަހު، އަލުން ސްކޫލް ހުޅުވައިފިއެވެ. ސްކޫލުގެ މެނޭޖްމަންޓާއި ޓީޗަރުންނާ ދޭތެރޭ ހިތްހަމަނުޖެހި، ސްކޫލަކީ ދަރިވަރުން ކިޔަވަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ ސްކޫލް ބަންދުކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އަދި އެދުވަހު އެ ސްކޫލުގެ ދަރިވަރުން ސްކޫލަށް ފޮނުވާފައެއް ވެސް ނުވެއެވެ. ބެލެނިވެރިންގެ ބައެއް ކަންބޮޑުވުންތަކުގެތެރޭގައި ސްކޫލުގެ ސީލިންގާއި ސްކޫލުގެ ވަށާފާރު ބާވެފައިވާކަން ފާހަގަކޮށްފައި ވާއިރު، ދަރިވަރުންނަށް ސްކޫލުގެ ފާހާނާ ބޭނުން ނުކުރެވޭ ކަމަށާއި ކަރަންޓުގެ ހާލަތު ވެސް ވަރަށް ދަށް ކަމަށް ބުނެފައިވެއެވެ. އަދި ސްކޫލުގައި މިވަގުތު ބިދޭސީ ޕްރިންސިޕަލެއް ހުރުމުން ދިވެހި ޕްރިންސިޕަލެއް ހަމަޖައްސައިދިނުމަށް ވެސް ބެލެނިވެރިން އެދެމުންދިޔައެވެ. ހުޅުދެލީ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ނަސްރު މިއަދު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބެލެނިވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ދ. ކުޑަހުވަދޫ ސްކޫލުގެ ޕްރިންސިޕަލް ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިއަދު ސްކޫލަށް ދަރިވަރުން ފޮނުވައި، ސްކޫލުގައި ކިޔަވައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ކުޑަހުވަދޫ ސްކޫލުގެ ޕްރިންސިޕަލް ސްކޫލަށް އައިސް ލިޔެކިޔުންތައް ބެލިއިރު ސްކޫލުގެ ކަންކަން ރަނގަޅު ކުރުމަށް ފައިސާ ދައްކާފައި އޮތް ކަމަށް އެބަ އޮތް. އެކަމަކު ސްކޫލުގެ މެނޭޖްމަންޓުގެ ދޯދިޔާކަމުން އެކަންކަން ނުވެ އޮތީ،" ހުޅުދެލީ ކައުންސިލްގެ ނައިބް ރައީސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސްކޫލުގެ ކަންކަން ރަނގަޅު ކުރުމަށް ބެލެނިވެރިންގެ ފަރާތުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އެކަންކަން ރަނގަޅު ނުކުރެވިއްޖެނަމަ ދަރިވަރުން ސްކޫލަށް ނުފޮނުވާނޭ ކަމަށް ވެސް ބައެއް ބެލެނިވެރިން ބުނަމުންދާ ކަމަށް ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް ޝެރީނާ އަބްދުއްސަމަދު މިއަދު ވިދާޅުވީ، ބެލެނިވެރިންގެ ބައެއް ޑިމާންޑުތަކަކީ ރަނގަޅު ޑިމާންޑުތަކެއް ކަމަށެވެ. ބައެއް ޑިމާންޑުތަކަކީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެޕްރޫވަލް މިހާރުވެސް ދީފައިވާ ކަންތައްތަކެއް ކަމަށާއި ނަމަވެސް އެކަންކަން ބެލެނިވެރިންނާ ހިއްސާ ނުކުރެވިގެން ހިޔާލު ތަފާތުވުންތައް އުފެދުނީ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދިވެހި ޕްރިންސިޕަލަކު ހަމަޖެއްސުމަށް ހުޅުދެލީ ބެލެނިވެރިން އެދުނު ނަމަވެސް، އެތަނަށް ކުރިމަތިލާނެ ދިވެހި ޕްރިންސިޕަލެއް ނުލިބޭހާ ހިނދަކު ބޭރު ޕްރިންސިޕަލެއް ހަމަޖައްސަންޖެހޭ ކަމަށް ޝެރީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ