ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކުރައްވަން އުމަރު ނަސީރު ނިންމަވައިފި އެވެ.
އުމަރު ނަސީރު ބައެއް މީޑިއާތަކަށް މިރޭ މައުލޫމާތުދެއްވަމުން ވިދާޅުވީ ޔާމީނަށް ތާއީދުކުރައްވަން ނިންމެވީ "ޓީމް އުމަރު" އާއި މަޝްވަރާކުރުމަށްފަހު ގައުމުގެ މަސްލަހަތުގައި މަސައްކަތް ކުރުމަށް އޮތް ގޮތަކީ ޔާމީނަށް ތާއީދު ކުރުމުން ކަމަށް އެއްބަސްވުމާއި ގުޅިގެން ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ޔާމީނާއި ވާދަކުރެއްވި އަދި އެ ޕާޓީގެ ނައިބު ރައީސް ކަން ވެސް ކުރެއްވި އުމަރު ވިދާޅުވީ މުހިންމީ އިސްލާމް ދީނާއި ގައުމު ހިމާޔަތް ކުރުން ކަމަށާއި އެކަން ކުރެވޭނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށް ކަމަށެވެ.
ޔާމީނަށް ތާއީދު ކުރައްވަން އޭނާ ނިންމެވީ އެއްވެސް ޝަރުތަކާއި ނުލައި ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމަށް އުމަރު ވިދާޅުވި އެވެ.
ޕީޕީއެމް ޕްރައިމަރީގައި 7000 އަށް ވުރެ ގިނަ ވޯޓު ހޯއްދެވި އުމަރު އިތުރަށް ވިދާޅުވީ ޔާމީންގެ ކެމްޕޭންގައި އޭނާ ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރެއްވުމަށް ގަސްތު ކުރައްވާ ކަމަށެވެ. ނަމަވެސް އޭނާގެ ނިންމެވުމާ މެދު ޕީޕީއެމްއާ އަދި މަޝްވަރާ ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް ޕްރައިމަރީގައި އުމަރު ނަސީރު ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އުމަރު ޕީޕީއެމް އާއި ދުރަށް ވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު އޮޅުވާލި ކަމަށް ބުނެ އެވެ.
ޔާމީނަށް ތާއީދުކުރައްވާން އުމަރު ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ