ހަނގުރާމައާ ގުޅިގެން 30 މިލިއަނެއްހާ މީހުން ފަގީރުކަމުގެ ޙާލަތަށް!

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން،އިތުރު 30 މިލިއަނަށް ވުރެ ގިނަ މީހުން ފަގީރުކަމުގެ ޙާލަތަށް ވެއްޓިދާނެކަމުގެ ބިރުބޮޑުކަމަށް އދއިން ބުނެފިއެވެ.
ފެބްރުއަރީ 28ވަނަ ދުވަހު އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ.
އެ ނިރުބަވެރި ޢުދުވާނުތަކުގެ ރައްދުގައި އީރާނުން ވަނީ، ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
އދގެ ތަރައްޤީއާ ބެހޭ އިދާރާ، ޔޫއެންޑީޕީގެ ވެރިޔާ އެލެގްޒާންޑަރ ޑި ކްރޫ ވިދާޅުވީ، ތެލާއި ގޭހުގެ އިތުރުން، ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ވެސް އެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާއިރު، ސަޕްލައިގެ ތާށިކަމުގެ އަސަރު ދަނޑުވެރިކަމަށް ވެސް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.
މިގޮތުން، މި އަހަރުގެ ފަހުކޮޅު، ދަނޑުވެރިކަން ދަށަށް ދިޔުމުގެ ނޭދެވޭ އަސަރުތައް ފެންނަން ފަށައި، މުޅި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ނުރައްކަލާ ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މި ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހާ އެކު ތަކެތީގެ އަގުތައް ވެސް އިންތިހާއަށް އުފުލިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ 30 މިލިއަނެއްހާ މީހުން ފަގީރުކަމުގެ ޙާލަތަށް ވެއްޓުމުގެ ނުރައްކާ ބޮޑުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑި ކްރޫ ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ސަބަބުން މިހާރު ވެސް ދުނިޔޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 0.8 އިންސައްތައިން ދަށަށް ގޮސްފައިވާ ކަމަށެވެ.
އަދި މާދަމާ ހަނގުރާމަ ނިމުމަކަށް ގެނެވުނަސް، މިހާރު އޮތް ނިކަމެތި ޙާލަތަށް ލުޔެއް ނުލިބޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ފަލަސްޠާނާއި ސޫދާނު ފަދަ ނިކަމެތިވެފައިވާ ރައްޔިތުން ދިރިއުޅެމުންދާ ޤައުމުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅި، އެ މީހުންގެ ނިކަމެތިކަން އިތުރަށް ގޯސްވެފައިވާކަން ޑި ކްރޫ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ