ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ވިސާ އާއި ވޯކް ޕާމިޓް ފީ ގަވާއިދުން ދައްކާ މީހުންގެ އިންސައްތަ އުފުލިއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މީގެ ކުރިން އެންމެ 28.97 އިންސައްތައިގައި ހުރި އެ އަދަދު މިހާރު ވަނީ 62 އިންސައްތައަށް އުފުލިފައި ކަމަށެވެ.
އެ ކުރިއެރުން ލިބިފައިވަނީ ބިދޭސީންގެ ކަންކަން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ސަރުކާރުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކާއި، ފީ ނުދައްކާ ފަރާތްތަކާ މެދު އަޅަން ފެށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް ފުރިހަމަކޮށްގެން ގާނޫނީ އިމުގެ ތެރޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވަނީ ސިސްޓަމްގައި ހުރި ބައެއް ގޮންޖެހުންތަކަށްވެސް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން، މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 148,417 ފަރާތެއް ސިސްޓަމުން ދެއްކިޔަސް، އޭގެ ތެރޭގައި ހަމައެކަނި ރާއްޖޭގައި މިވަގުތު ތިބި މީހުންގެ އިތުރުން، ރާއްޖެއިން ފުރައިގެން ގޮސްފައިވާ މީހުންނާއި، އެކި ސަބަބުތަކާ ހުރެ ރެކޯޑުތައް އުނިނުކުރެވި ހުރި މީހުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، ރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ ހަގީގީ އަދަދު ސާފުކޮށް ދެނެގަތުމަށްޓަކައި ސަރުކާރުން މިހާރުވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެ މަސައްކަތް ނިމުމުން ބިދޭސީންގެ މައްސަލަތައް މެނޭޖްކުރުމުގައި އިތުރު ހަރުދަނާކަމެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގަވާއިދުން ފީ ދައްކާ ބިދޭސީ މަސައްކަތްތެރިންގެ ނިސްބަތް 62 ޕަސަންޓަށް އުފުލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ