3 އަތޮޅެއްގެ ޔޫޓިލިޓީ ޚިދުމަތް ސްޓެލްކޯއާ ހަވާލުކޮށްފި

ފެނަކަ ކޯޕަރޭޝަނުން ލިމިޓެޑުން، ބ.އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން، ބ.އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާދަމް ތައުފީޤެވެ. އަދި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓެލްކޯގެ ޑެޕުއިޓީ މެނޭޖިން ޑިރެކްޓަރ ޑރ.އަލީ އަޒުހަރުއެވެ.
މި އެއްބަސްވުމުގެ ތެރެއިން ސްޓެލްކޯއާ ހަވާލުކޮށްފައިވަނީ ބ.އަތޮޅު. ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އާދަމް ތައުފީޤް ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އަސާސީ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ.
އެގޮތުން، ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އައި އެ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރެވުމާއެކު އެ ޚިދުމަތްތައް ރައްޔިތުންނަށް މެދުކެނޑުމެއްނެތި ދެވޭނެކަމުގައި ޔަޤީންކުރާކަމަށް ޢާދަމް ތައުފީޤ ވިދާޅުވިއެވެ. އެގޮތުން ގެނައި ބަދަލާއެކު ފެނަކައިން ފޯރުކޮށްދެމުން އައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްވެސް ސްޓެލްކޯގެ ބެލުމުގެ ދަށުން ދެވޭނެކަމަށް ވިދާޅުވިއެވެ.
" ސެޓެލްކޯއާ މި އެއްބަސްވެވުނީ ބ.އަތޮޅުން މ.އަތޮޅަށް ފެނަކައިން މިހާރު ފޯރުކޮށްދެމުންދާ އަސާސީ ޔޫޓިލިޓީ ޚިދުމަތްތައް 30 ދުވަސްތެރޭގަ ސްޓެލްކޯއިން ދޭގޮތަށް ހަމަޖެހިގެންމިދިޔައީ. މި ބަދަލާ ގުޅިގެން ރައްޔިތުންނަށް މެދުކެނޑުމެއްނެތި ސްޓެލްކޯއިން ފޯރުކޮސްދެމުންދާނެ. މި ބަދަލާއި ގުޅިގެން އަޅުގަނޑު ޤަބޫލުކުރަނީ ފެނަކައިގެ ހިންގުންވެސް ހަރުދަނާވެގެންދާނެ. އަދި ސްޓެލްކޯގެވެސް ވަރަށް ގިން ކަންކަން ރަނގަޅުވެގެންދާނެ". އާދަމް ތައުފީޤް ވިދާޅުވިއެވެ.
މި ބަދަލާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށްދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ.އަލީ އަޒުހަރު ވިދާޅުވީ، މިހާރު ފެނަކައިގެ ދަށުން ޔޫޓިލިޓީގެ ޚިދުމަތް ފޯރުކޮށްދޭ ތިން އަތޮޅެއްގައި ހިމެނޭ ރަށްތަކަށް ސްޓެލްކޯއިން ޚިދުމަތްދޭން ފެށުމާއެކު އެރަށްރަށުގެ ޚިދުމަތްތައް އިތުރަށް ތަރައްޤީވެ ފުޅާވެގެންދާނެކަމަށެވެ. އެ އަތޮޅުތަކަކީ، ބ. އަތޮޅޫ، ޅ. އަތޮޅު އަދި މ. އަތޮޅެވެ.
"މިހާރު ފެނަކައިގެ ދަށުން ޔޫޓިލިޓީގެ ޚިދުމަތް ފޯރުކޮށްދޭ ތިން އަތޮޅުގަ ހިމެނޭ ރަށްތައް ބ.އަތޮޅު. ޅ.އަތޮޅު އަދި މ.އަތޮޅުގަ ހިމެނޭ ރަށްތަކުގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް މި އެއްބަސްވީ. މި އެއްބަސްވުމުގެ ދަށުން އެ އަތޮޅުގަ ހިމެނޭ ރަށްތަކަށް ސްޓެލްކޯއިން ޚިދުމަތްތައް ފޯރުކޮށްދޭން ފެށުމާއެކު އެރަށްރަށުގެ ޚިދުމަތްތައް އިތުރަށް ތަރައްޤީވެ ފުޅާވެގެންދާނެ". ޑރ.އަލީ އަޒުހަރު ވިދާޅުވިއެވެ.
ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ކުރިން ފެނަކައިން ފޯރުކޮށްދެމުން އައި 3 އަތޮޅު، ސްޓެލްކޯއާ ޙަވާލުކުރެއްވީ ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދުގެ އުރުޝާދުގެ ދަށުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށްކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އަދި މި ބަދަލާއެކު އެ ތިން އަތޮޅުގ ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރެވިދާނެކަމަށް ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ