އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހްމަދު އަޝްފާން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަކަށް ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އިމިގްރޭޝަންގެ އޮފިސަރެއްގެ ގޮތުގައި 18 އަހަރު ހޭދަކުރެއްވުމަށް ފަހު، އެ އިދާރާގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އަޝްފާން އައްޔަންކުރީ މީގެ ދެ އަހަރު ކުރިން، އެޕްރީލް 2024ގަ އެވެ. މިއަދު އަޝްފާން ޔޫތު މިނިސްޓްރީގެ ނައިބަކަށް ބަދަލުކުރިކަން ރައީސް އޮފީހުން 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.
ތަފްސީލު - ޔޫތު މިނިސްޓަރީއަށް އަޝްފާން ބަދަލުކުރުމާ ގުޅިގެން އިމިގްރޭޝަނުން ވަނީ އޭނާ އެ އިދާރާއަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކޮށް، ޕޯސްޓެއް ވެސް ކޮށްފަ އެވެ. އޭނާއަށް ކާމިޔާބީއަށް ވެސް އެ ޕޯސްޓުގައި އެދިފައިވެ އެވެ.
ގައުމީ ފުޓުބޯޅަ ޓީމަށް ވެސް ކުޅުނު އަޝްފާންއަކީ، މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގުގެ ބޭބެ އެވެ.
ފަސް މަންޒަރު - އަޝްފާން ޔޫތު މިނިސްޓްރީއަށް އައްޔަންކޮށްފައި މި ވަނީ، ނިމިދިޔަ ކައުންސިލް އިންތިހާބަށް ފަހު، ބައެއް މަގާމުތަކަށް ސަރުކާރުން ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގަ އެވެ. މި ބަދަލުތަކުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒު ވަނީ ކެބިނެޓް މިނިސްޓަރުންގެ އަދަދު 20 އިން 15އަށް ކުޑަކޮށް، ބައެއް ވަޒީރުން ވެސް ބަދަލުކޮށްފަ އެވެ.
ޑެޕިއުޓީ ކޮންޓްރޯލާ އަޝްފާން، ޔޫތު މިނިސްޓްރީގެ ނައިބަކަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ