ޗެއާޕާސަން އިންތިޚާބަށް ހުޅުވައިލި އިއުލާނު ބާތިލުކުރަން އަންގައިފި
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށް ހުޅުވާލި އިއުލާނު ޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ނެރެފައިވާ ކަމަށް ބުނެ، އެ އިއުލާނު ބާތިލްކުރުމަށް އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާއަށް އަންގައިފިއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށް ހުޅުވާލި އިއުލާނު ބާތިލުކުރަން އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަޙްމަދު ޢަބްދުالله ޢަފީފް ވަނީ، ޢަބްދުލްޣަފޫރަށް ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައިވަނީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ ޖޫން މަހުގެ 12ވަނަ ދުވަހު ބާއްވާނެކަމަށް އިއްޔެ ކުރި އިއުލާނާއެކު އާންމުކުރި ޓައިމްލައިނަކީ އޭނާ ދެއްވި އިރުޝާދާ ޚިލާފަށް ނިންމައިފައިވާ ނިންމުންތަކެއް ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިޚާބުގެ ކަންކަން ރާވައި ހިންގަން އަސާސީ ގަވައިދުގައި މަތިކޮށްފައިވަނީ އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސާ ކަމަށާއި، އެހެންކަމުން، އޭނާއަށް ނާންގައި ޗެއާޕާސަން އިންތިޚާބާ ގުޅޭ ނިންމުންތައް ޕާޓީގެ އެއްވެސް ގުނަވަނަކުން ނިންމުމަކީ އަސާސީ ގަވައިދާ ޚިލާފަށް ކުރެވޭ ކަމެއް ކަމަށް، އަޙްމަދު ޢަބްދުالله ޢަފީފްގެ ސިޓީގައިވެއެވެ. ޗެއާޕާސަންގެ އިންތިޚާބުގެ ކަންކަން އިންތިޒާމުކުރުމާ ބެހޭ ގޮތުން އިންތިޚާބާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމަކަށް ހާޒިރުވެވަޑައިގެންފައިވާނެ ކަމަށާއި، ޕާޓީގެ ލީޑަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއާއި ޗެއާޕާސަނާ މަޝްވަރާކުރެއްވުމަށްފަހު އިންތިޚާބުގެ ޓައިމްލައިނާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށް އެ ސިޓީގައި އޭނާ ލިޔުއްވައިފައެވެ. "އަދި ޕާޓީގެ ލީޑަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެފަދަ ނިންމުމެއް ނިންމުމަކީ ރަނގަޅުގޮތެއްނޫން ކަމުގައިވެސް ދެންނެވީމެވެ،" އެ ސިޓީގައިވެއެވެ. މީގެ އިތުރުން، އެމްޑީޕީގެ އެތައް މެންބަރުންނެއް އެ މެންބަރުންނަށް ނޭނގި ވެރިކަންކުރާ ޕީއެންސީއަށް ވައްދައިފައި އެބައޮތް ކަމަށް، އަޙްމަދު ޢަބްދުالله ޢަފީފް ލިޔުއްވައިފައިވެއެވެ. އާންމު ގޮތެއްގައި މެންބަރުން ރަޖިސްޓްރީވެފައިވާ ޕާޓީ ބަލަނީ އެތެރޭގެ އިންތިޚާބުތަކުގައި ވޯޓުލާން ޖެހުމުން ކަމަށް ލިޔުއްވައި، އެގޮތަށް ވަކިކޮށްފައިވާ މެންބަރުން އަލުން ޕާޓީއަށް ވަނުމުގެ ފުރުސަތު ނުދީ އިންތިޚާބު ކުރިއަށް ގެންދިއުމަކީ ކެނޑިޑޭޓުންނާއި މެންބަރުންގެ އިންތިޚާބީ ހައްގުތަކަށް އުނިކަން އަންނާނެ ކަމަށްވެސް، ލިޔުއްވައިފައިވެއެވެ. އެހެންކަމުން، އެ ސިޓީގައި އަޙްމަދު ޢަބްދުالله ޢަފީފް އެދިވަޑައިގަތީ، ޗެއާޕާސަންގެ އިންތިޚާބުގެ އިއުލާނާއި ޓައިމްލައިނަކީ ބާތިލު ނިންމުންތަކެއް ކަމަށް ކަނޑައަޅައި، އެކަން ޕާޓީ މެންބަރުންނަށް އިއުލާނުކޮށްދެއްވުމަށެވެ. ހަމަ މިކަމާ ގުޅިގެން، ޗެއާޕާސަން އިންތިޚާބުގެ އިއުލާނު ބާތިލުކުރުމަށް އެދި، ގާނޫނީ ވަކީލު ޢަބްދުالله ޝާޢިރު އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހަށް ސިޓީއެއް ލިޔުއްވައިފައިވެއެވެ. https://x.com/AbdullaShaairu/status/2047256312090874228 މިކަމާ ގުޅޭ ގޮތުން ޝާޢިރު 'ސަން'އަށް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕަސަން އިންތިޚާބަކީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އެ މަޖިލީހުން ކުރިއަށް ގެންދާ އިންތިޚާބެއް ކަމަށެވެ. ހަމަ އެއާއެކު، އިންތިޚާބުގައި ވޯޓުލާން ބޭނުންވާ ފަރާތްތައް އިއްޔެގެ ނިޔަލަށް އެމްޑީޕީއަށް ވަނުމަށް އިއުލާނުކުރި ކުރުމަކީ ޑިމޮކްރަޓިކް ހަމަތަކުން ކުރި ކަމެއްނޫން ކަމަށް، ޝާޢިރު ވިދާޅުވިއެވެ. "އެ ނިންމުން ބާތިލުކުރުމަށް މި ޖެހޭ ސަބަބަކީ ޕާޓީގެ އަސާސީ ގަވައިދުގެ އެއްވެސް ހިސާބެއްގަ ނެތް ބަޔާންކޮށްފަ އެގޮތަށް ކަޓް-އޮފް ޑޭޓެއް ކަނޑައެޅިދާނެ ކަމަކަށް،" ޝާޢިރު ވިދާޅުވިއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވިޔަސް އަދި ރާއްޖޭގައި ވިޔަސް، އިންތިޚާބުތަކުގައި ވޯޓުލެވޭނީ މިވެނި ދުވަހެއްގެ ކުރިން 18 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށް އިއުލާނުކުރާ ކަމަށާއި، އެހެން އިއުލާނުކުރަނީ ވަކި ހަމަތަކެއްގެ މަތިން ކަމަށް ޝާޢިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވައިދުގައިވެސް ކަޓްއޮފް ތާރީޚު ބަޔާންކުރާ މާއްދާއެއް ނެތް ކަމަށެވެ. ހަމަ އެހެންމެ، އިންތިޚާބު އޮންނަ ތާރީޚު ކަނޑައަޅާއިރު، ޓައިމްލައިން ކަނޑައަޅަންވާނީ ވަކި ނިޒާމެއްގެ ދަށުންކަންވެސް، ޝާޢިރު ފާހަގަކުރެއްވިއެވެ. އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މޭ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލީ އިއްޔެއެވެ. އެ އިންތިޚާބުގައި ވޯޓުލެވޭނީ އިއްޔެގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ. މިހާތަނަށް މި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީއެވެ. ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީގެ ޗެއާޕާސަން ހޮވަން ނަގާ ވޯޓުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ މީހުން އެ ޕާޓީއަށް ވަންނަމުން ދަނިކޮށް، ޕާޓީގެ 'ވަގުތީ ވެރިން' އެ ކަމަށް ހުރަސް އަޅާފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވަނީ މިއަދު ތުހުމަތުކުރައްވައިފައެވެ. މިއަދު ފޭސްބުކްގައި ހިއްސާކުރި ވީޑިއޯއެއްގައި އެ މަނިކުފާނު ވަނީ، އިއްޔެ ޕާޓީއާ ވަރަށް ގިނަ މީހުން ގުޅިފައިވާ ކަމަށް ވިދާޅުވެ، އެކަމާ ވަރަށް އުފާވާ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީ ތެރޭގައި ބާއްވާ ވާދަވެރި އިންތިޚާބުތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ޕާޓީއަށް މެންބަރުން އިތުރުކުރުން ކަމަށެވެ. ނަމަވެސް، އެ އިންތިޚާބުގައި ވޯޓުލެވޭނެ މީހުން ކަނޑައަޅާއިރު، އަލަށް ގުޅެން ބޭނުންވާ މީހުންނަށް ދޭ ވަގުތު ކުރުކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވަނީ ހުރިހާ އާ މެންބަރުންނާ އެކީގައި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅޭ ގޮތުން ފައްޔާޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަންގާރަ ދުވަހު އެ ޕާޓީގައި ތިބީ 44،000 މީހުން ކަމަށާއި ނަމަވެސް އިއްޔެ އެ އަދަދު 50،000އަށް އަރާފައިވާ ކަމަށެވެ. "އަދި ވިސްނުންތެރިކަމާ އެކު ފުރުސަތު ދީގެން މިކަން ކުރިނަމަ ޕާޓީގެ މެންބަޝިޕް 60،000 އަށް އެރުވޭނެ ފުރުސަތު މި ގެއްލުނީ،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ