އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ހުޅުވާލި އިއުލާނަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ނެރުނު އިއުލާނެއް ކަމަށް ބުނެ، އެ އިއުލާން ބާތިލުކުރަން ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުގެ މަޖިލީހުން މިއަދު އަންގައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ އެމްޑީޕީން ވަނީ އަންނަ ޖޫން މަހު 12ގައި ޗެއާޕާސަން އިންތިހާބު ބޭއްވުމާ އެކު އިންތިހާބަށް ކުރިމަތިލާން ވެސް ހުޅުވާލައިފަ އެވެ. އެ އިއުލާާނާ އެކު އިންތިހާބުގެ ޓައިމްލައިން ވެސް އިއުލާންކުރި އެވެ.
އެކަަމަކު އެ އިއުލާން ބާތިލްކުރަން އެދި އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން މިހާރު ވަނީ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާއަށް ސިޓީއެއް ފޮނުވައިފަ އެވެ.
ތަފްސީލު - އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފް ސޮއިކުރައްވާ ގަފޫރަށް ފޮނުވި ސީޓީގައި ބުނީ "އަސާސީ ގަވައިދުގެ 46 ވަނަ މާއްދާގައިވާ ގޮތުން "ޗެއާޕާސަންގެ އިންތިހާބުގެ ކަންކަން ރާވައި ހިންގުން މަތިކޮށްފައިވަނީ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސްއާ" ކަމަށެވެ. ނަމަވެސް އިއްޔެ ނެރުނު އިއުލާގައި ހުރީ އޭނާ އިރުޝާދު ދެއްވި ކަންކަމާ ހިލާފު ޓައިމްލައިނެއް ކަމަށް ސިޓީގައި ބުންޏެވެ.
"އެހެންކަމުން އަޅުގަނޑަށް ނާންގައި ޗެއާޕާސަންގެ އިންތިހާބާ ގުޅޭ އެއްވެސް ނިންމުމެއް ޕާޓީގެ އެއްވެސް ގުނަންއަކުން ނިންމުމަކީ، އަސާސީ ގަވައިދާ ހިލާފަށް ކުރެވޭ ކަމެއް ކަމުގައި މެނުވީ ނުވާނެ އެވެ،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓްގައި ވެސް އިސްކޮށް އުޅުއްވި އަހުމަދު އަބްދުﷲ އަފީފް ފޮނުއްވި ސިޓީގައި ލިޔުއްވި އެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި:
މި އިންތިހާބުގެ ކަންކަން އިންތިޒާމްކުރަން އިންތިހާބާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އޭނާ ވެސް އިންނެވި
އެ ބައްދަލުވުމުގައި ކޮމިޓީން ނިންމި އިންތިހާބުގެ ޓައިމްލައިނަކީ، ކޮމިޓީން ދޭ ލަފައެއް
ޕާޓީގެ ލީޑަރުންނާއި ޗެއާޕާސަންއާ މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވި
ޕާޓީގެ ލީޑަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި މަސްލަހަތު ގެއްލިދާނެ ފަދަ ނިންމުމެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވި
އޭގެ އިތުރުން ޕާޓީގެ އެތައް މެންބަރުންނެއް އެ މެންބަރުންނަށް ނާންގައި ޕީއެންސީއަށް ވައްދާފައިވޭ. އެ މެންބަރުންނަށް މި އިންތިހާބުގައި ފުރުސަތު ގެއްލޭ ގޮތަށް ކަންކަން ރޭވުމަކީ، ކެންޑިޑޭޓުންނާއި މެންބަރުންގެ އިންތިހާބީ ހައްގަށް އުނިކަން އަންނަނާނެ ކަމެއް
"ވީމާ، ޗެއާޕާސަންގެ އިންތިހާބު ހުޅުވާލުމަށް ކޮށްފައިވާ އިއުލާނާއި އެ އިއުލާނާ އެކު އާންމުކޮށްފައިވާ ޓައިމްލައިންއަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކޮންމެވެސް ބަޔަކު ނިންމާފައިވާ ނިންމުންތަކެއްކަމުގައި ވާތީ އެ ނިންމުންތަކަކީ ބާތިލު ނިންމުންތަކެއްގެ ގޮތުގައި އިއުލާންކޮށްދެއްވުމަށް އެދެމެވެ،" އެ ސިޓީގައި ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީން އިއްޔެ ކުރި އިއުލާނާ އެކު އާންމުކުރި ޓައިމްލައިންގައިވާ ގޮތުން، މި އިންތިހާބުގައި ވޯޓު ލެވޭނީ އިއްޔެގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށް އެކަންޏެވެ.
ވޯޓު ލެވޭ މީހުންގެ ސުންގަޑި ކަނޑައެޅި ގޮތާ ގުޅޭ ގޮތުން ޕާޓީގެ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ވެސް ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހިމެނިވަޑައިގަންނަވަ އެވެ.
އިއްޔެއަށް ސުންގަޑި ކަނޑައެޅުމާ އެކު ޕާޓީގެ އެކި ފެކްޝަންތަކުން ވެސް މެންބަރުން ވެއްދުމުގެ މަސައްކަތްކުރި އެވެ. އެ މަަސައްކަތުގެ ތެރެއިން އިއްޔެ އެކަނި އެ ޕާޓީއަށް 5،000އެއްހާ މީހުން ވަދެފައިވެ އެވެ. އެއާ އެކު، އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 50،000 އިން މައްޗަށް އަރާފަ އެވެ.
އަސާސީ ގަވައިދާ ހިލާފު ކަމަށް ބުނެ، ޗެއާޕާސަންގެ އިއުލާން ބާތިލުކުރަން އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ