ގދ. ފިޔޯރީ އިންޖީނު ގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި މުޅި ރަށުން ކަރަންޓް ކެނޑިފައިވާތީ އެ ރަށަށް އަލުން ކަރަންޓް ދިނުމަށް އަދިވެސް ވަގުތުތަކެއް ނަގާނެ ކަމަށް އެ ރަށަށް ކަރަންޓް ފޯރުކޮށްދޭ ފެނެކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ. އެ ކުންފުނިން މީގެ ކުރިން ލަފާ ކުރީ މިއަދު އިރުއޮއްސުމުގެ ކުރިން މުޅި ރަށަށް ކަރަންޓް ދެވޭނެ ކަމަށެވެ.
އެ ރަށަށް ކަރަންޓް ދިނުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން ފެނަކައިގެ ޑެޕިއުޓީ ޑިރެކްޓަރު ހިއުމަން ރިސޯސް އިދުރީސް އަބްދުﷲ "އަވަސް" އަށް ވިދާޅުވީ އިންޖީނު ސެޓްގެ ބެޓެރި ގޮވައި ހިނގި އެ ހާދިސާގެ ސަބަބުން އިންޖީނުގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ ތަހުގީގަށް ފުލުހުންގެ ފޮރެންސިކް ޓީމުން ކުރަމުން އަންނާތީ މިހާރު އިންޖީނުތައް ބަހައްޓާފައި ހުރި ރޫމްއަށް ވަދެ ޓެކްނީޝަނުންނަށް މަސައްކަތް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ކަމުން ފެނަކައިގެ ޓެކްނިކަލް ޓީމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ގއ. ދެއްވަދޫ އިން އިތުރު ޖަނަރޭޓަރެއް ގެނެސް، އިންޖީނުގޭގެ ބޭރުގައި އެ ޖަނަރޭޓަރު އިންސްޓޯލްކޮށް މުޅި ރަށަށް ކަރަންޓް ދިނުމަށް ކަމަށެވެ. ދެއްވަދޫ އިން ގެންނަ ޖަނަރޭޓަރު މިހާރު އެ ރަށަށް އައުމުގެ މަގުމަތީގައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން މިރޭ ދަންވަރު 12:00 ގެ ކުރިން ކަރަންޓް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިޔޯރީއަށް ކަރަންޓް ދިނުމަށް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން ބުރަކޮށް މަސައްކަތް އެބަ ކުރޭ. އެކަމަކު އަދި ވަގުތު ނަގާނެ ކަރަންޓް ލިބެން. އެންމެ އަވަހަށް ވެސް ލަފާ މި ކުރެވެނީ މިރޭ ދަންވަރު 12:00 ގެ ފަހުންނޭ ކަރަންޓް ދެވޭނީ. މިކަމަށް އަޅުގަނޑުމެން ނިހާޔަތަށް މާފަށް އެދެން،" އިދުރީސް ވިދާޅުވި އެވެ.
މިއަދުގެ އެ ހާދިސާގައި އިންޖީނުގޭގެ ޓިއުޓީގައި ހުރި ޓެކްނީޝަން އެ ރަށު ޗިޗަންޑާގޭ، ނާޒިދް އަބްދުﷲ، 26 ވަނީ މަރުވެފަ އެވެ.
ފިޔޯރީއަށް ކަރަންޓް ދޭން އަދި ވަގުތު ނަގާނެ: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ