އަންހެނުންނަށް ގޮނޑި ޚާއްސަކުރުން ގާނޫނުއަސާސީއާ ޚިލާފު: ގާސިމް

ލޯކަލް ކައުންސިލް މެމްބަރުންގެ ތެރެއިން ވަކި އަދަދެއްގެ މެމްބަރުންނަކީ އަންހެނުންގެ ގޮތުގައި ކަނޑައެޅުމަށް ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފުކަމެއް ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖޭޕީއަށް މެމްބަރުން އިތުރުކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ހަރަކާތުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ގާނޫނުތަކަށް ގެނެވޭ އިސްލާހު ވާން ވާނީ ރަނގަޅު އިސްލާހަކަށް ކަމަށެވެ. އިންސާނުންގެ ކިބައިގައި އަމިއްލަ އެދުންވެސް ހުންނާނެ ކަމަށާއި އެހެންނަމަވެސް އެއަށްވުރެ ބޮޑަށް އެންމެންގެ މަސްލަހަތަށް ވިސްނަންވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ކައުންސިލް ގޮނޑިތަކުގެ ތެރެއިން ވަކި އިންސައްތައެއް އަންހެނުންނަށް ދޭންޖެހޭ ގޮތަށް ގެނެވޭ އިސްލާހަކީ ސީދާ ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބާ ކަނޑައެޅިގެން ޚިލާފުކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ގާނޫނުއަސާސީގައި ބުނެފައިވަނީ ވަކި ޖިންސަކަށް، ކުލައަކަށް، ނަސަބާއި ހަސަބަކަށް ނުބަލައި ހުރިހާ އެންމެނަށް ހަމަހަމަކަމާއެކު ކަންކަން ކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން ދެޖިންސުގެ ތެރެއިން ވަކި ޖިންސަކަށް ގޮނޑި ހޯދައިދޭން އުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތަށް އެކަން ކޮށްފިނަމަ އަންހެނުންނަށް، ފިރިހެނުންގެ ހައްގުތައް "އޯވަރ ރައިޑް" ކުރެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
މިހާރު އޮތްގޮތުން ނަމަ ކައުންސިލް ގޮނޑިތަކުގެ 100 އިންސައްތަވެސް ނެގުމުގެ ބާރު އަންހެނުންނަށް އެބައޮތް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައިވެސް 100 އިންސައްތަ އަންހެނުން ތިއްބެވުމުގެ ބާރު އެބައޮތް ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް މިބަދަލު ގެނެސްފިނަމަ، ވަކި ޖިންސަކަށް "ލިމިޓް" ކުރެވުނީ ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެހިސާބުން އަސާސީ ހައްގުތަކާ މިނިވަންކަމުގެ ބާބުތަކާ ޚިލާފުވެގެންދާ ކަމަށެވެ.
ގާސިމް ވިދާޅުވީ ބުނާ ބަސްތަކާއި ކުރާ އަމަލުތަކާ ދިމާވާންޖެހޭ ކަމަށެވެ. މިއީ "ފްރީ ސޮސައިޓީ" އެއް ކަމަށާއި ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެ ކަމުގައި ގާސިމް ވިދާޅުވިއެވެ.
އަދި މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ، މެމްބަރު އީވާ އަބްދުﷲ، މެމްބަރު ރޮޒައިނާ އާދަމް އަދި އަލްއުސްތާޛާ ދިޔާނާ ސައީދު ފަދަ ކަނބަލުންނަަކީ އެފަދަ މިސާލުތައް ކަމަށް ގާސިމް ވިދާޅުވިއެވެ. އެބޭފުޅުންނަށް ކުރެއްވިފައި ނުވަނީ ކޮން ކަމެއްތޯ ގާސިމް ވަނީ ސުވާލު ކުރައްވާފައެެވެ. އަދި އެބޭފުޅުންނަކީ ކުރިމަތިވި ކޮންމެ ގޮންޖެހުމެއް ކަޑައްތުކޮށް ކޮންމެ ކަމެއްގައިވެސް ކާމިޔާބު ހާސިލްކުރައްވާފައިވާ ބައެއް ކަމުގައި ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ