މަޖިލިސް މެމްބަރު ޙާމިދު ދޫކޮށްލުމަށް އެމްޑީޕީން ގޮވާލައިފި

ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް އަނބުރައި ހޯދައިދިނުމަށް ކަމަށް ބުނެ އެމްޑީޕީ ފަށާފައިވާ ސީދާ ކުއްލި ހަރަކާތުގެ ތެރެއިން އިއްޔެގެ މުޒާހަރާގައި ހައްޔަރުކުރި ޕާޓީގެ ސްޕޯކްސްޕާސަން އިންޓަރނޭޝަނަލް، އަދި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީންއާންމު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރާއި، ހައްޔަރުކުރި އެހެން ފަރާތްތައް ދޫކޮށްލުމަށް އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައިވަނީ ޙާމިދުގެ އިތުރުން ޓީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ މުޙަންމަދު ޞޮދުރީ (ދުންމާރި ނާޒިމް) ހައްޔަރުކޮށްފައިވަނީ އިހުތިޖާޖުގެ ތެރެއިން ނޫންކަމާއި، އޭނާގެ ގެ ކައިރިއަށް ކުލަ ހެދުމުގައި ތިބި ފުލުހުން ކަމަށް ބުނާ ބަޔަކު ގޮސް އޭނާ “ޖަހައިގަނެގެން” ގެންދިއުމަށްފަހު ދޫކޮށްލީ، “އޭނާ ހައްޔަރުކުރީ ބަޔާނެއްގައި ސޮއިކުރުމަށް” ކަމަށް ބުނެ ކަމަށާއި އެކަން ޕާޓީން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ.
އަދި ހާމިދު އާއި ސީދާ ހަރަކާތުގެ އެހެން ބައިވެރިން ވެސް ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީ އާއި، ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި، ގަވައިދުތަކާއި، ފުލުހުންގެ ގާނޫނާއި ގަވާއިދުތަކާއި، ދިވެހިރާއްޖެ އިން ސޮއިކޮށްފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ހިލާފަށް ހާލަތާ ނުބައްދަލު، އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްގެން ކަމަށް ވެސް އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.
"ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ. އަދި މި ފަދަ ލާއިންސާނީ އަމަލުތަކަށް ފާރަވެރިވެ، އެ އަމަލުތައް ހުއްޓުވުމަށް ހިއުމަންރައިޓްސް ކޮމިޝަނަށާއި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ." އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ހަވީރު އެމްއެމްއޭ ކައިރީގައި އެމްޑީޕީން މުޒާހަރާ ކުރަމުން ދަނިކޮށް ހާމިދު ހައްޔަރުކުރީ ފުލުހުންގެ ބެރިކޭޑް ފަޅާލައި އެތެރެއަށް ވަނުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ