ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު މިގޮތަށް އަމުރުކޮށްފައި މިވަނީ ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެންނެެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ޕްރޮސެކިއުޓާ ޖެނަރަލް މުރާޖައާ ކޮށްދިނުމަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ގުޅޭ އެންމެހާ ފަރާތްތަކުގެ މައްޗަށް އަންގާ އަމުރުކުރާ ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގައި މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ އަބްދުﷲ ގާޒީ ސިފައިން ހައްޔަރުކުރި އިރު ރައީސް ނަޝީދަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ ކަމަށްވާތީ އެމައްސަލާގައި ނަޝީދު ކުށްވެރިވާ ކަަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ އިސް މޭސްތިރިޔަކީ ނަޝީދު ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށްވެސް ހުކުމްގައި ބުނެފައިވެ އެވެ. މީގެ އިތުރުން ހުކުމްގައި ބުނެފައިވަނީ ނަޝީދުގެ މައްޗަށް މީގެ ކުރިން ވައްކަމާއި ޝަރީއަތުގައި ދޮގު ވާހަކަ ދެއްކުމުގެ ކުށް ސާބިތުވެފައިވާ ކަމަށާއި އަދި އުފުލާފައިވާ ދައުވާގެ ހެކިތަކަށް ބަލާއިރު ދައުވާއަށް ދެކޮޅު ހެދޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ވެސްއ ދައުލަތުގެ ފަރާތުންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށް މިމައްސަލަ ނިންމީ އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ނަޝީދުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ