މަދަނީ އަބްދުﷲ "އަނެއްކާ ވެސް" މަގާމުން ވަކިކޮށްފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އަނެއްކާ ވެސް ވަކިކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އަބްދުﷲ މަގާމުން ވަކިކުރެއްވީ އިއްޔެ ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހަކުން ނުބުންޏެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ވެސް އަބްދުﷲ އެ މަގާމުން ވަކިކުރެއްވި އެވެ. ނަމަވެސް އޭނާއަށް ސިޓީ ރައްދުވުމުގެ ކުރިން ރައީސް އޮފީހުން ވަނީ އެ ނިންމުން އަނބުރާ ގެނެސްފަ އެވެ.
ސްޓޭޓް މިނިސްޓަރުގެ މަގާމުން އަބްދުﷲ ވަކިކުރެއްވިކަން އަންގަވައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އޭނާއަށް އިއްޔެ ފޮނުއްވި ސިޓީގެ ކޮޕީއެއް "ސަން"އަށް ވަނީ ލިބިފަ އެވެ. ނަމަވެސް އެ ސިޓީގައި އޭނާ މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް ވިދާޅުވެފައިނުވެ އެވެ.
ސިޓީފުޅުގައި ރައީސް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސަށް ލިބިދޭ ބާރުގެ ދަށުން ސްޓޭޓް މިނިސްޓަރުގެ މަގާމުން އަބްދުﷲ ވަކިކުރައްވާފައިވާ ކަމަށާއި އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ހިދުމަތްތަކަށް "މި ފުރުސަތުގައި ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު" ދަންނަވާ ކަމަށެވެ.
މަގާމުން ވަކިކުރެއްވި ސަބަބާ ގުޅޭ ގޮތުން އަބްދުﷲ އަށް ގުޅާލުމުން އެކަމާ ގުޅޭ ގޮތުން އޭނާ އެއްޗެއް ވިދާޅުވާން ބޭނުންފުޅެއް ނުވި އެވެ. އަބްދުﷲ ވިދާޅުވީ ސިޔާސީ މަގާމުން ވަކިކުރެއްވި ނަމަވެސް ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދެމިހުންނަވާނެ ކަމަށެވެ.
ރައީސް ވަހީދުގެ ސަރުކާރުން ފެށިގެން ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އިއްޔެ އެ މަގާމުން ވަކިކުރެއްވި ސަބަބާ ބެހޭ ގޮތުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އޭނާ މަގާމުން ވަކިކުރެއްވީ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރާ ނޮޅިވަރަމް ދާއިރާއަށް އަދާލަތުގެ ޓިކެޓުގައި ވާދަ ކުރައްވާތީ ކަމަށެވެ.
ނޮޅިވަރަލް ދާއިރާއަށް ވާދަ ކުރުމަށް ސަރުކާރު ކޯލިޝަންގެ ޓިކެޓް ނުލިބުމުން، އަބްދުﷲ ވަނީ ޖުމްހޫރީ ޕާޓީ ދޫކުރައްވައި އަދާލަތު ޕާޓީއަށް ސޮއި ކުރެއްވުމަށްފަހު، އެ ޕާޓީގެ ޓިކެޓުގައި އެ ދާއިރާއަށް ކުރިމަތިލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ