ޖޭއެސްސީއަށް އިންތިހާބު ކުރާ މެންބަރުގެ އުމުރު ލިމިޓް ކުރުމަކީ ރަނގަޅުގޮތެއްނޫން: މައުމޫން

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އިންތިހާބު ކުރާ މެންބަރުގެ އުމުރު ލިމިޓް ކުރުމަކީ ރަނގަޅުގޮތެއް ނޫންކަަމަށް ބާ ކައުންސިލްގެ ރައީސް މައުމޫނު ހަމީދު ވިދާޅުވެއްޖެއެވެ.
ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެެއިން، ވަކީލުންގެ ފަރާތުން، ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރާ ބޭފުޅެއްގެ އުމުރުގެ ޝަރުތަކީ 40 އަހަރުކަމަށް ކަނޑައެޅުމާ ބެހޭގޮތުން އެ ކޮމިޓީގެ މެންބަރު ކެންދޫ ދާއިރާގެ އަލީ ހުސެއިން ދެންނެވި ސުވާލަަކަށް ޖަވާބު ދެއްވަމުން ބާ ކައުންސިލްގެ ރައީސް މައުމޫނު ހަމީދު ވިދާޅުވީ، އެގޮތަށް އުމުރު ލިމިޓް ކުރުމަކީ ރަނގަޅު ގޮތެއްނޫން ކަމަށެވެ.
އަދި ވީހާވެސް ބޮޑަށް ވޯޓުލާ ފަރާތްތަކަށް އިތުބާރު ކުރަންޖެހޭ ކަމަށާއި ޖޭއެސްސީއަށް ރަނގަޅު ގާބިލް ބޭފުޅަކު ކަނޑައަޅުމަކީ ވޯޓުލާ ފަރާތްތަކަށް ވީހާވެސް ފުޅާ ދާއިރާއެއްގައި ދޭންޖެހޭ ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ.
މައުމޫނު ވިދާޅުވީ، ވަކީލުންނަށް ވެވެނީ ކަނޑައަޅާފައި އޮންނަ ވަކި އުމުރެއް ފުރިހަމަވުމުން ކަމަށާއި، އެހެންކަމުން، އަނެއްކާވެސް ޝަރުތުގެ ގޮތުގައި އިތުރު އުމުރެއް ކަނޑައަޅަންޖެހޭ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
"ވޯޓުލާ އާބާދީ އަކީ ކިތަންމެ ކުޑަ އާބާދީއެއް ނަމަވެސް އެފަރާތްތަކަށް އިތުބާރު ކުރަންޖެހޭ، އެބޭފުޅުންގެ ކުރިފުޅުމައްޗަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅާކަން ހޮއްވަވާނީ، ތަޖުރިބާއާއެއްޗެއްސަށް ބައްލަވައިފަ އެބޭފުޅުން ރަނގަޅު ގޮތެއް ނިންމަވާނީ، އެހެންކަމުން އެ ޕްރޮސެސްއަށާއި ވޯޓާސްއަށް އިތުބާރު ކުރަންޖެހޭ،" މައުމޫނު ވިދާޅުވިއެވެ.
ނަމަވެސް މައުމޫނު ވިދާޅުވީ އެއީ ބާ ކައުންސިލްގެ ހިޔާލެއްނޫން ކަމަށާއި، ބާ ކައުންސިލުން އެކަމަށް އެއްޗެކޭ ބުނާނީ ފުޅާ ދާއިރާއެއްގައި ވިސްނުމަށްފަހު، އިލްމީ ދިރާސާއެއް ކުރުމަށްފަހުގައި ކަމަށެވެ.
މެންބަރު އަލީ ހުސެއިން ވިދާޅުވީ، ވަކީލުންގެ ތެރެއިން ބާކައުންސިލަށް ކަނޑައަޅާ މެންބަރަކީ 40 އަހަރުވާން ޖެހޭ މެންބަރެއްގެ ގޮތުގައި ގާނޫނުގައި ހިމެނުމަށް ޖުޑިޝަރީ ކޮމިޓީގެ ސަބް ކޮމިޓީން މިހާރު ފާސް ކޮށްފައިވާ ކަމަށެވެ.
އަދި އުމުރު 40 އަށް ކަނޑައަޅަން ނިންމީ، ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު ފްރެޝް ބޭފުޅަކަށްވުރެ ތަޖުރިބާހުރި ބޭފުޅަކު އެ ކޮމިޝަންގައި ހިމެނުން ރަނގަޅުކަމަށް މެންބަރުންނަށް ފެނިވަޑައިގެން ކަމަށްވެސް ވިދާޅުވިއެވެ.
ގާނޫނުގައި ބުނެފައިވާގޮތުުން، ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން ބޭފުޅަކު ކަނޑައަޅަނީ، ވަކީލުންގެ މެދުގައި ބާ ކައުންސިލުން ބާއްވާ އިންތިހާބަކުންނެވެ.
ބާ ކައުންސިލުން ބުނީ އެ އިންތިހާބު ބާއްވަން ކުރަންޖެހޭ ތައްޔާރީތަށް މިހާރު ކުރިއަށްދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ