މާދަމާއިން ފެށިގެން މޫސުން ރަނގަޅު ވާނެ: މެޓް އޮފީސް

މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ މޫސުން އެހާ ގޯސް ނޫން ކަމަށާއި އެހެންނަމަވެސް ދެތެރެ ދޭރެއިން ރާއްޖޭގެ އެކި ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ރާއްޖެ އަށް މިހާރު ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރިވަރަށް މިހަފްތާ ވިއްސާރަ ނުކުރާނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
ފާއިތުވި ހަފްތާގައި ރާއްޖޭގެ އެކި ހިސާބަށް ކުރި ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި މޫސުން ގޯސްވެ ބައެއް ރަށް ރަށަށް ވަނީ އުދަވެސް އަރާފަ އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތައް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ކަަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ