މިނިސްޓަރ އިމްރާން ހެދީ ކަނޑައެޅިގެން ދޮގެއް – އުމަރު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރު ހުއްދަ ނުދެއްވައިގެން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށް އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
1988 ވަނަ ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީ ދިރިއުޅޭ ތަން 2014 ވަނަ އަހަރު އެނގުނު ކަމަށާއި އޭރު ލުޠުފީ ރާއްޖެ ގެނެވިފައި ނުވަނީ އޭރުގެ ހޯމް މިނިސްޓަރ ހުއްދަ ނުދެއްވައިގެން ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ މިއަދު މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ އިމްރާންގެ ވާހަކަފުޅާއި ގުޅިގެން އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މަޖިލިސްގައި މިނިސްޓަރ އިމްރާން، އަޅުގަނޑާއި ބެހޭ ގޮތުން ހެއްދެވީ ކަނޑައެޅިގެން ދޮގެއް. ލުތުފީ ހޯދުމަށް އެންމެ ގިނަ މަސައްކަތް ކުރި ވަޒީރަކީ އަޅުގަނޑު." ކަމަށެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ އޭރު ލުތުފީ ރާއްޖެ ގެނައުމާއި ބެހޭ ގޮތުން ހޯމް މިނިސްޓަރާއި އެކަމުގައި އުޅުނު ފުލުހުންނާއި މުއާމަލާތް ކުރެވިފައި ވަނީ "އަނގަބަހުން" ކަމަށެވެ. ލުތުފީ ރާއްޖެ ގެނައުމަކީ އެހާ ބޮޑު އިސްކަމެއް ދެވޭ ކަމެއް ނޫންކަމަށް އޭރުގެ ހޯމް މިނިސްޓަރު ވިދާޅުވި ކަމަށް މިނިސްޓަރ އިމްރާން މިއަދު ވިދާޅުވިއެވެ.
ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ލުތުފީ ގެނައުމަށް ކުރި މަސައްކަތުގެ ތަފްސީލް އުމަރު ވަނީ މިދިޔަ ހަފްތާގައި ހާމަކުރައްވާފައެވެ. ލުތުފީ ރާއްޖޭގެ އެމްބަސީގައި ފޮރުވައިގެން ގެންގުޅޭތާ ދެމަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށް އެކަން ބޭޒާރުކޮށްލީ ވެސް އުމަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ