ގާޒީ ހައިލަމާ ގުޅޭގޮތުން ބަލަނީ މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ ފުރި މައްސަލަ
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބަލަމުން ދަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ މައްސަލައާ ގުޅިގެންކަން "ސަން" އަށް އެނގިއްޖެއެވެ. މިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނާ ގުޅޭގޮތުން ބަލަމުން އަންނަ މައްސަލަތަކަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުނު ކަމަށެވެ. ނަމަވެސް ތިން ހަފްތާފަހުން އެ އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޓުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މުއައްވިޒް ވިދާޅުވީ އެގޮތަށް ކޯޓުން އަންގާފައި ވަނިކޮށް ޖެހިގެން އައި ހަފްތާގައި އަބްދުﷲ މައުމޫން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް އަދިވެސް އެނބުރި ވަޑައިގެންފައިނުވާ ކަމަށެވެ. އިތުބާރު ހުރި މަސްދަރަކުން "ސަން" އަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީން ބަލަމުން ދަނީ އަބްދުﷲ މައުމޫންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރުމާ މެދު ގޮތެއް ނުނިންމައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވި މައްސަލައެވެ. އަބްދުﷲ މައުމޫން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަކީ އޭސީސީން ތަހުގީގު ކުރަމުން އަންނަ މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ ތަހުގީގަށް އެޅިގެންދިޔަ ވަރަށް ބޮޑު ހުރަހެއް ކަމަށް ވެސް މުއައްވިޒް ވިދާޅުވިއެވެ. އަދި އެކަން އެ ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ސަމާލު ކަމަށް ވެސް ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ