ވޯޓާސް ލިސްޓުގައި 17 މީހެއްގެ ނަން ހިމެނިފައި ނުވާ މައްސަލައެއް ފެންމަތިވެއްޖެ

އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްލާ މީހުންގެ ލިސްޓުގައި 17 މީހެއްގެ ނަން ނުހިމެނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓިވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ވޯޓާސް ލިސްޓުގައި ނުހިމެނޭ 17 މީހެއްގެ ނަން ނެތީ އެ ކޮމިޝަނުގެ ސަބަބުން ނޫން ކަމަށާއި އެއީ އެ މީހުން އެ މީހުންގެ ފަރުދީ ޒިންމާ ނުނެގުމުގެ ސަބަބުންވި ކަމެއް ކަމަށެވެ.
"ވޯޓާސް ލިސްޓުގައި 17 މީހެއްގެ ނަމެއް ނުހިމެނޭ މައްސަލައެއް ހުށަހެޅިފައިވޭ. އެ މައްސަލަ އަކީ ކޮމިޝަންގެ ސަބަބުން ދިމާވި މައްސަލައެއް ނޫން. އެއީ އެބޭފުޅުން އެބޭފުޅުންގެ ފަރުދީ ޒިންމާ އަދާކޮށްފައި ނުވާތީ ދިމާވި މައްސަލައެއް. އެ ބޭފުޅުންނަކަށް އިތުރު ފުރުސަތެއް ދެން ނުދެވޭނެ." ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ އެ 17 މީހުންނަށް އެ މައްސަލަ ދިމާވީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އެ ކޮމިޝަނުން އާންމު ކުރުމަށް ފަހު ލިސްޓުގައި ނަން އޮތްތޯ ޗެކްކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެ 17 މީހުން ޝަކުވާ ހުށަހަޅާފައި ނުވާތީ ކަމަށެވެ. އަދި ލިސްޓުގައި އެ މީހުންގެ ނަން ނެތް ކަމަށް އެ 17 މީހުން މީގެ ކުރިން ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ފުއާދު އިތުރަށް ވިދާޅުވީ އެމީހުންގެ ނަންތައް ލިސްޓްގައި ނެތް މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ ވޯޓްލާ މީހުންގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވެ އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާ މީހުންގެ ލިސްޓަށް ވެސް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވަނިކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ