ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އެޕާޓީން ވަކިކުރުމަށް އެދި ކައުންސިލަށް ހުށައެޅި ގަރާރަށް ތާއީދުކޮށް ސުލޫކް ކޮމެޓީއަށް ހުށައަޅާފައިވާ މައްސަލައާއިމެދު މިރޭ ގޮތެއް ނިންމާނެކަމަށް ރައީސް ޔާމީނަށް ވަފާތެރި ސުލޫކީ ކޮމެޓީން ބުނެފިއެވެ.
ރައީސް މައުމޫނަށް ތާއީދުކުރާ ކައުންސިލުން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާ ސުލޫކީ ކޮމެޓީގެ މުގައްރަރި އަލްގާރީ އަލީ ވަހީދު ވިދާޅުވީ މިރޭ ސުލޫކީ ކޮމެޓީގެ ބައްދަލްވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މައުމޫނާއި ގުޅޭގޮތުން ހުށައަޅާފައިވާ މައްސަލައަށް ޖަވާބުދާރީވުމަށް މިރޭ ވަޑައިގަތުމަށް ދަންނަވާފައިވާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ މައުމޫން ނުވަތަ މައުމޫންގެ ފަރާތްޕުޅުން ބޭފުޅަކު ޖަވާބުދާރީވުމަށް ވަޑައިނުގެންފިނަމަ ގައިރު ހާޒިރުގައި އެ މައްސަލަ ނިންމާނެކަމަށެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށައަޅުއްވާ އިއްޔެ ރައީސް ޔާމީންގެ ފެކްޝަންގެ ކައުންސިލުން ނިންމާފައިވަނީ ރައީސް މައުމޫން ޕީޕީއެމްއިން ވަކިކުރުމަށެވެ. ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ބައިވެރިވި މެންބަރުން ވަނީ މިކަމަށް އިއްތިފާގުވެފައިކަމަށް އެ ފެކްޝަނުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރައީސަކީ އެމަނިކްފާނުކަމަށާ ދަރުބާރު ފެކްޝަނަށް ހައިސިއްޔަތެއް ނެތްކަމަށެވެ.
ރައީސް ޔާމީންގެ ފެކްޝަނަށް އިޝާރާތްކުރައްވާ ރައީސް މައުމޫން ވިދާޅުވީ ދަރުބާރުގޭ ފެކްޝަނަކަށް ޕީޕީއެމްގެ އެއްވެސް މެންބަރަކު ޕާޓީން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތްކަމަށެވެ. އަދި މާތްﷲގެ ރަހުމަތްފުޅުން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ދެމި ހުންނަވާނެކަމަށް މައުމޫން ވިދާޅުވިއެވެ.
އަދި އެމަނިކްފާނަކީ ހަމައެކަނި އިންތިހާބު ކުރެވިފައިވާ ޕާޓީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރުކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މައުމޫން ޕާޓީން ވަކިކުރުމާއިމެދު މިރޭ ގޮތެއް ނިންމާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ