މަސީހާއި ދެކޮޅަށް މާދަމާ ނަގާ ވޯޓުގައި ގައުމު އިސްލާހުކުރުމަށް ވޯޓު ނުދެއްވާ މެންބަރުންނަށް އެމަނިކްފާނުގެ ތާއީދެއް ނޯންނާނެކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ބާއްވަމުންދާ ޖަލްސާއަށް އެމަނިކްފާނު ފޮނުއްވާފައިވާ ހާއްސަ މެސެޖެއްގައެވެ.
މައުމޫން ވިދާޅުވީ މަޖިލީހުގެ ރައީސާއި ދެކޮޅު ވޯޓު މުހިންމު ވަނީ ގާނޫން އަސާސީގައި ކަނޑައެޅިފައިވާ ޒިންމާތައް ރައްޔިތުންގެ މަޖިލީހުން އަދާކުރުމުގެ ފުރުސަތު މިހާރު ހުންނެވި މަޖިލީހުގެ ރައީސް އެ މަޖިލީހަށް ނުދެއްވާތީކަމަށާ ގަވާއިދުތަކާއި އުސޫލުގެ ބޭރުން މަޖިލީހުގެ ކަންކަން މަޖިލީހުގެ ރައީސް ގެންދަވާތީކަމަށެވެ. އަދި ގައުމަށް ދިމާވާ ބޮޑެތި ކަންކަމާ މެދު މަޖިލީހުގައި މެންބަރުން މިނިވަންކަމާއި އެކު ޚިޔާލު ފާޅުކޮށް ބަހުސް ކުރުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ނުދެއްވާތީއާއި ސަރުކާރު ފުރިހަމަޔަށް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ނުދެއްވާ ގައުމު އިސްލާހު ކުރެވޭނީ އެންމެ ފުރަތަމަ މަޖިލީހުގެ ތެރެ އިސްލާހުކޮށްގެން ކަމަށް ގަބޫލްކުރެވޭތީކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި މި ވޯޓަކީ މި ވަގުތަށްވެސް އަދި ގައުމުގެ މުސްތަގްބަލަށްވެސް އެހާމެ މުހިންމު ވޯޓެއްކަމަށާ މި ވޯޓުގެ ނަތީޖާއިން ވަރަށް ފުޅާ ދާއިރާއަކަށް އަދި ވަރަށް ދުރު މުސްތަޤްބަލަކަށް އަސަރުކުރާނެކަމަށް މަައުމޫން ވިދާޅުވިއެވެ.
މިއީ އިސްލާމް ދީނާއި ދިމިގްރާތީ އުސޫލުތަކަށް ދިވެހި ގައުމު އަލުން ބައްޓަން ކުރުމަށްލިބޭ ފުރުސަތެއްކަމަށްވުމުން ގައުމު އިސްލާހް ކުރުމަށް މި ލިބޭ ފުރުސަތުގެ ބޭނުން ހިއްޕެވުމަށް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
ރައީސް މައުމޫން ވިދާޅުވީ ފަހަކަށް އައިސް ސަރުކާރުގެ އަމަލުތައް ހުރި ގޮތުން، ތިން ބާރު ރަނގަޅަށް ވަކިކޮށް، ގާނޫނު ހެދުމުގެ ބާރާއި ޝަރުއީ ދާއިރާ ސަރުކާރުގެ އަތްދަށުން ސަލާމަތްކުރުން އެއީ ކޮންމެހެން ކުރަން ޖެހިފައިވާކަމެއްކަމަށެެވެ. މި މަތިވެރި އުއްމީދުތައް މިއަދު ހާސިލް ކުރެވެން އޮތީ ސަރުކާރުގެ ނުފޫޒުން މަޖުލީސް މިނިވަން ކުރެވިގެންކަމަށާ މިކަން ކުރެވޭނީ މިހާރު ހުންނެވި މަޖުލީހުގެ ރައީސް އެ މަގާމުން ދުރުކޮށް، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށާއި ދިމުގްރާތީ އުސޫލުތަކަށް އިހްތިރާމް ކުރާ އިޚްލާސްތެރި ބޭފުޅަކާ އެ މަގާމު ހަވާލުކޮށްގެންކަމަށް ރައީސް މަައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ މިކަމުގައި ފަސްޖެހިއްޖެ ނަމަ އަދުގެ ޖީލު އަދި އަންނާން އޮތް ޖީލުތައް އަޅުގަނޑުމެނަށް މަޢާފެއް ނުކުރާނެކަމަށާ ބިރާ ހެދި މި ކަމުގައި ފަހަތަށް ޖެހިގެން ނުވާނެކަމަށެވެ.
"މާތް ﷲ މެނުވީ އެހެން އެއްވެސް ފަރާތެއްދެކެ މުސްލިމުން ބިރެއް ނުގަންނާނެ. މި ވޯޓުގައި ގައުމު އިސްލާހުކުރުމަށް ވޯޓު ނުދެއްވާ މެންބަރުންނަށް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ. އަދި މި ހަތަރު (4) ޕާޓީގެ ތާއީދެއްވެސް ނޯންނާނެ. އަދި ދިވެހި ރައްޔިތުންގެ ތާއީދެއްވެސް ނޯންނާނެކަން އަޅުގަނޑަށް ޔަގީން." މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ މަޖިލިސް މެންބަރުންނަށް އެމަނިކްފާނުގެ އިލްތިމާސްއަކީ މާދަމާ ދެއްވާ ވޯޓަކީ ގާނޫނު އަސާސީގެ ދިފާއުގައި ދެއްވާ ވޯޓަކަށް ހެއްދެވުމަށާއި، ތިން ބާރު ވަކި ކުރުމަށް ދެއްވާ ވޯޓަކަށް ހެއްދެވުމަށެވެ. އަދި އެ ވޯޓަކީ ސަރުކާރުގެ ނުފޫޒުން ޝަރުއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލިސް މިނިވަން ކުރުމަށް ދެއްވާ ވޯޓަކަށް ހައްދަވާ ދިވެހި ރައްޔިތުންނަށް ދެއްވާ ވޯޓަކަށް ހެއްދެވުންކަމަށެވެ.
ހުކުރު ދުވަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އަދާލަތު ޕާޓީ ގުޅިގެން ވެފައިވާ އެއްބަސްވުމާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ އެފަދަ އެއްބަސްވުމެއް އެކުލަވާލެއްވީ މާތް ވެގެންވާ އިސްލާމްދީނާއި ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގައުމިއްޔަތު ހިމާޔަތް ކުރުމަށާއި، ދިވެހި ރާއްޖޭގެ ބިންބިމާއި ފަޅުފަޅާއި ގުދްރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ހިމާޔަތް ކުރުމަށާއި، ދިވެހި ރާއްޖޭގައި މި ވަގުތު އުފެދުފައިވާ ސިޔާސީ ނުތަވަސްކަމަށް ހައްލެއް ހޯދުމަށާއި، ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަމުންދާ މަދަނީ އަދި ސިޔާސީ ހައްގުތައް ރައްކާތެރިކުރުމަށާއި، ދިވެހި ރާއްޖޭގައި ބޭއްވޭ އިންތިހުބުތަކަކީ މިނިވަން، އިންސާފުވެރި، އަދި ސިޔާސީ ޕާޓީތަކުން އިހްތިޔާރުކުރާ ކެންޑިޑޭޓުންނަށް ވާދަ ކުރެވޭ އިންތިހާބުތަކެއް ކަމުގައި ހެދުމަށްކަމަށެވެ.
މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ރައީސް މައުމޫން މި ޖަލްސާގެ ހާޒިރީންނަށް ފޮނުއްވި މެސެޖް ވިދާޅުވެދެއްވީ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނެވެ.
މަދާމާގެ ވޯޓް މަސީހާއި އެއްކޮޅަށް ދީފިނަމަ އެ މެންބަރަކަށް ތާއީދެއްނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ