ރައްޔިތުންގެ މަޖިލީހުން ކުރިން ރުހުން ނުލިބުނު ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް މައުމޫން ހަމީދު އައްޔަން ކުރުމަށް މި ފަހަރު ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އޭއެފްސީ ޗެލެންޖް ކަޕަށް އައްޑޫ ސްޓޭޑިއަމް ހުޅުއްވައި ދެއްވުމަށް ކުރެއްވި ދަތުރުފުޅުގައި، ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޕީޖީގެ މަގާމަށް ވަރަށް ގާބިލް ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވި ކަމަށެވެ. އެ ނަން މަޖިލީހުން ފާސްނުކުރި ކަމަށާއި ޕީޖީގެ މަގާމުގައި ހުންނަވަން ޖެހޭނީ ރައްޔިތުންނަށް އިތުބާރު ކުރެވޭ، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދަވާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެފަދަ ބޭފުޅަކު ޕީޖީ ކަމަށް އައްޔަން ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
"ފަހަރުގައި ވެސް އަޅުގަނޑު ބޭނުން ވަނީ އަޅުގަނޑުގެ ކޮއްކޮއަކަށް ވާތީ، އަޅުގަނޑުގެ އާއިލާ މީހަކަށް ވާތީ މައުމޫން ހަމީދު، ރައްޔިތުންގެ މަޖިލީހުން ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ހަމަޖައްސާކަށެއް ނޫން. އެކަމަކު މިރޭ ވެސް ފަހުރުވެރިކަމާ އެކު ރައްޔިތުން އަރިހުގައި ހުއްޓި ހުރެ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުގެ އާއިލާގައި ކިޔަވައިގެން ތިބި ގާބިލް ކުދިންތަކެއް އެބަތިއްބޭ،" ރައީސް ވިދާޅުވި އެވެ.
ދިވެހި ސަރުކާރަށް އެ ބޭފުޅުން ހިދުމަތް ކުރަން ބޭނުންފުޅުވާ ކަމަށާއި ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ އެ ބޭފުޅުން ވެސް ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޕީޖީގެ މަގާމަށް މައުމޫން ހަމީދުގެ ނަން ފޮނުއްވަފާނެތީ، ނޫސްތަކުގައި އެކި މިންވަރަށް ފާޑުކިޔަމުން ދިޔަ ނަމަވެސް އެއީ ފުލުހުން ތަހުގީގުކޮށްފައިވާ މައްސަލަތައް ނުފޮނުވައި، އޮފީހުގައި ބަހައްޓަވާ ބޭފުޅަކަށް ވާން ބޭނުންފުޅު ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ހުރިހާ މައްސަލައެއް އިންސާފުވެރިކަމާ އެކުގައި ޝަރުއީ މަރުހަލާއާ ހަމައަށް ގެންދެވުން. ޝަރީއަތުން މައްސަލަ އަށް ފައިސަލާ ކުރައްވާފައި ގޮތްގޮތް ނިންމަވާނެ. ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވެސް އަޅުގަނޑުމެން ބޭނުން ވަނީ މިފަދަ ބޭފުޅުން ވަޑައިގަންނަވަން،" އެމަނިކުފާނު ވިދާޅުވި އެވެ.
އެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރާ ޒުވާނުން ސަރުކާރުން ދޫކުރަމުން އަންނަ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަން ކުރިއަށް ގެންދާއިރު، ޕީޖީ ނެތުމުގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ކަމަށެވެ.
"ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް ބޭފުޅަކު ހަމަޖެހިގެން ދިޔައީމަ، އަދި އެ ބޭފުޅަކީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކީ އަދި ދިވެހި ސަރުކާރުން ރައްޔިތުންނަށް މި ކޮށްދޭން ބޭނުންވާ ކަންތައް ކޮށްދިނުމުގައި އަދި ޒުވާނުންނުންގެ، އާދައިގެ ކަންތައް އެއީ ކުށް ނޫން ކަން ހައްދަވާފައި މިކަންކަން ކޮށްދެއްވަން، އެކަމަށް ގާބިލް ޕްރޮސިކިއުޓާ ޖެނެރަލެއް ވަޑައިގެންނެވޭ ހިސާބުން އަޅުގަނޑު މިދެންނެވި ކަހަލަ މައްސަލަތައް އަނބުރާ ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.
މައުމޫން ހަމީދުގެ އިތުރުން ޕީޖީގެ މަގާމަށް މިފަހަރު ކުރިމަތިލެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ އާއި އުއްމު ކުލްސޫމް އަބޫބަކުރާއި މުހްތާޒް މުހްސިން އާއި އައިޝަތު ފަޒުނާ އާއި މަހާޒް އަލީ ޒާހިރު އަދި އަބްދުއްސައްތާރު އަބްދުލް ހަމީދެވެ.
ފޭދޫގެ ތަރައްގީއާ ގުޅޭ ގޮތުން ރައީސް ޔާމީން ރޭ ވިދާޅުވީ އެ އަވަށަށް ކޮށްދޭން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށާއި އޭގެ ތެރޭގައި ބިޔަ މަޝްރޫއުތައް ވެސް ހިމެނޭ ކަމަށެވެ. އެ އަވަށުގެ ރައްޔިތުން އެދޭ ކަންކަން އެމަނިކުފާނުގެ ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ރައީސް ދެއްވި އެވެ.
. އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގަތީ އުއްމީދުތަކާކާ އެކުގައި ކަމަށާއި ރާއްޖެ މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުކުރުމަކީ ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށެވެ. ރާއްޖެ އަށް ބޭނުންވެފައިވާ ކަންކަން ކޮށްދީ، ރައްޔިތުންނަކީ އިހްތިރާމް ލިބިގެންވާ ބައެއް ކަމުގައި ހައްދަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ހުރިހާ ދާއިރާއެއް މިވަނީ ކަންފަތިވެފައި. އަޅުގަނޑުމެންގެ ދައުލަތުގެ ޝަރަފެއް އޮތްތޯ ވެސް ސުވާލު އުފެދުނު ދުވަސް ދިޔަ. އަޅުގަނޑުމެންގެ ކަންކަމުގައި ބޭރުގެ އެކި ފަރާތްތަކުން ނުފޫޒު ފޯރުވަން ނުވާ މިންވަރަށް ނުފޫޒު ފޯރުވާފައި ހުރި ކަން ހިތާމަޔާއެކު ގަބޫލުކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށްޓަކައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެންތައް ހަގީގަތަކަށް ހައްދަވާނެ އެވެ.
ޕީޖީ ކަމަށް މިފަހަރު ވެސް މައުމޫން ހަމީދުގެ ނަން ފޮނުވާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ