ސޫރިޔާގެ ރައްޔިތުން ޙިމާޔަތުގައި ނަފްސާއި މުދަލުން ޖިހާދުކުރުމަށް ގޮވާލައިފި

ޤާހިރާ (ޖޫން 14): ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައާއި މީހުން މެރުމުގެ ޢަމަލުތަކުން އެގައުމުގެ ރައްޔިތުން ޙިމާޔަތް ކުރުމަށް ޓަކައި ނަފްސާއި މުދަލުން ޖިހާދުކުރުމަށް މިސްރުގައި ބޭއްވި އިސްލާމީ ޢިލްމުވެރިންގެ ބައްދަލުވުމުން މުސްލިމުންނަށް ގޮވާލައިފި އެވެ.
މިބައްދަލުވުމުން ނެރުނު ބަޔާނުގައި ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ ތެރެއަށް އީރާނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތް ވަންނަމުންދާކަން ބަޔާންކޮށް އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެ އެވެ. ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް އީރާން ވަންނަމުން ދާތީ އީރާނުގެ އުފެއްދުންތައް ބޮއިކަޓް ކުރުމަށް ވެސް މިބައްދަލުވުމުން ގޮވާލާފައިވެ އެވެ. އަދި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ދެމެހެއްޓުމަށް ވާގިވެރިވުމަކީ އިސްލާމް ދީނާ ދެކޮޅަށް ހަނގުރާމަ އިޢްލާން ކުރުންފަދަ ކަމެއްކަމަށް ބަޔާންކޮށް ބައްޝާރަކީ އިންސާނިއްޔަތު ކަމެއްނެތް އަނިޔާވެރި ޓައިރެންޓެއް ކަމަށް ސިފަކޮށްފައިވެ އެވެ. މީގެއިތުރުން ބައްޝާރުގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ސޫރިޔާގެ ނިކަމެތި ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށާއި އެމީހުންނަށް ނަސްރު ދިނުމަށް ވެސް އިސްލާމީ ޢިލްމުވެރިންގެ ބަޔާނުގައި މުސްލިމުން ނަށް ގޮވާލާފައިވެ އެވެ.
ސޫރިޔާގެ ރައްޔިތުންނަށް ނަސްރު ދިނުމުގެ ޝިޢާރުގެ ދަށުން ބޭއްވި މިބައްދަލުވުމުގައި ޢަރަބި އަށް ގައުމެއްގެ ދީނީ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ފަރާތުން ހަތްދިހަ އަށް ވުރެގިނަ އިސްލާމީ ޢިލްމުވެރިން ބައިވެރިވެފައިވެ އެވެ. މި އަށް ގައުމަކީސައޫދީ އަރަބިޔާ، ކުވައިތު، އުރުދުން، ލީބިޔާ، ފަލަސްތީން، އަލްޖަޒާއިރު، ސޫދާން އަދި މިސްރެވެ. މިބައްދަލުވުން އިންތިޒާމް ކޮށްފައި ވަނީ އިސްލާމީ ދުނިޔޭގެ ކޯޑިނޭޝަން ކައުންސިލުންނެވެ. އިސްކޮށް ޙަރަކާތްތެރިވެފައި ވަނީ އިސްލާމީ ޢިލްމުވެރިންގެ ބައިނަލްއަޤްވާމީ އިއްތިޙާދާއި ސަޢޫދީ އަރަބިޔާގެ ރާބިތަތުލްޢާލަމުލް އިސްލާމީއާއި މިސްރުގެ އިޚްވާނުލްމުސްލިމީން ޖަމާއަތާއި ޝާމް ކަރައިގެ ދީނީ ޢިލްމުވެރިންގެ ޖަމާއަތުންނެވެ.
އިސްލާމީ ޢިލްމުވެރިންގެ ބައިނަލްއަޤްވާމީ އިއްތިޙާދުގެ ރައީސަކީ ދުނިޔޭގައި މިހާރު ހުންނެވި އެންމެ ފުންނާބުއުސް އިސްލާމީ ޢިލްމުވެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅުއްވާ މިސްރުގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލްޢައްލާމާ ޑރ. ޔޫސުފް އަލްޤަރްޟާވީ އެވެ. މިބަޔާނުގައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ތާއީދުކޮށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ މެދުގައިވާ ޚިލާފްތައް ނައްތާލުމަށާއި އަމިއްލަ މަސްލަޙަތަށްވުރެ ސޫރިޔާގެ ނިކަމެތި އަދި ޙާލުގައި ޖެހިފައިވާ މުސްލިމް ރައްޔިތުންގެ މަސްލަޙަތަށް އިސްކަން ދިނުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް އެގައުމުގައި ފެށުނު ރައްޔިތުންގެ އިންތިފާޟާ ލޭއޮހޮރުވުން ބޮޑު އަހްލީ ހަނގުރާމައަކަށް ބަދަލުވެގެންދިޔަތާ ދެއަހަރުވެފައިވާ އިރު މިހަނގުރާމައިގާ ލައްކައެއްހާ މީހުން ވަނީ މަރުވެފަ އެވެ.އަދި ޒަޚަމްވެފައިވާ މީހުން އެތައްލައްކައަކުން ގުނާލެވޭ އިރު ސޫރިޔާގެ އާބާދީގެ ދިހަބައިކުޅަ އެއްބައިމީހުން ވަނީ ހަނގުރާމައިގެ ޙާލުގައިޖެހި ގެދޮރުގެއްލި މަގުމަތިވެރެފިއުޖީންނަށް ވެފަ އެވެ. އަދި ސޫރިޔާގެ ގިނަ ސިޓީތަކާއި އަވަށްތަކާއި ވިލެޖްތައް ވެސް ވަނީ ސުންނާފަތިވެ ވީރާނާވެފަ އެވެ.
ސޫރިޔާގެ އަހްލީ ހަނގުރާމައިގާ ބައްޝާރުގެ ސަރުކާރަށް އެހީތެރި ވަނީ ރަޝިޔާއާއި އީރާނާ އަދި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ. ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅުހަނގުރާމަވެރިންނަށް އެހީތެރިވަނީ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކާއިގަލްފުގެ ބައެއް ޢަރަބި ގައުމުތަކުންނާއި ތުރުކީންނެވެ.(ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ