ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް މިއަހަރު ބާއްވާ ގައުމަކީ ރަޝިއާ އެވެ. މި އަހަރުގެ ޖޫން 14 އިން ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާގައި ބާއްވާ ވޯލްޑްކަޕް ފެށެން 97 ދުވަހަށް ވެފައިވާއިރު، ރަޝިއާގެ ރައްޔިތުންނަށް މިއަދު ވަނީ ބޮޑު އުފަލެއް ލިބިފައެވެ. އެއީ އެގައުމުގެ އިގްތިސާދު ރަނގަޅުވެ، ލިބޭ އާމްދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތީއެވެ.
ރަޝިއާގެ މީޑިއާތަކާ ހަވާލާދީ ކުޅިވަރު ހަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން މިއަދު ބުނެފައި ވަނީ، ވޯލްޑް ކަޕާއެކު ރަޝިއާގެ ރައްޔިތުންގެ އަތްމަތި ތަނަވަސްވެ، އާންމު ދިރިއުޅުމުގެ ހާލަތު ވަރަށް ރަނގަޅު ވާން ފަށާފައިވާ ކަމަށެވެ.
އިނގިރޭސި މަޝްހޫރު ނޫސް ޑެއިލީ މެއިލަށް ދިން އިޓަވިއުއެއްގައި ރަޝިޔާގެ ވިޔަފާރިވެރިއަކު ބުނީ، މިފަހަރުގެ ވޯލްޑް ކަޕަުގައި ބޭނުންކުރާ މެސްކޮޓް ވަރަށް ވިކޭ ކަމަށާއި އެހެންކަމުން ވިޔަފާރިވެސް ވަރަށް ރަނގަޅު ކަމަށެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ރަޝިއާއިން ބޭނުން ކުރާ މެސްކޮޓް ހަދާފައިވަނީ ހިޔަޅެއްގެ ސިފަޔަށެވެ.
ރަޝިޔާއިން ވޯލްޑް ކަޕް މެސްކޮޓް ހަމަޖެއްސީ މިދިޔަ އަހަރު އާންމުންނަށް ހުޅުވާލައިގެން ނެގި ވޯޓަކުން 53 ޕަސެންޓް މީހުންގެ ތާއީދާއެކުއެވެ. ދެވަނައަށް ދިޔަ ސިންގާއަށް ލިބުނީ 27 ޕަސެންޓް ވޯޓެވެ. އެންމެ ދަށުން ލިބުނީ 20 ޕަސެންޓް ލިބުނު ބުޅަލަށެވެ.
ރަޝިޔާއިން މިފަހަރުގެ މެސްކޮޓަށް ދީފައިވާ ނަމަކީ "ޒަބިވަކާ" އެވެ. ރަޝީޔާ ބަހުން އޭގެ މާނައަކީ ގޯލު ޖަހާ މީހާއެވެ. ވޯލްޑް ކަޕްގެ ކުރިން މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ކޮންފެޑަރޭޝަން ކަޕްގައި ވެސް ޒަބަވީކާ ވަނީ ބޭނުން ކޮށްފައެވެ.
މެސްކޮޓް ވިއްކާ ފިހާރަތަކާއި މުބާރާތުގެ ލޯގޯއާއި މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ޖޯޒީތައް ވިއްކާ ފިހާރަވެސް ރަޝިއާގައި ވަރަށް ގިނަ ވެއްޖެއެވެ. އަދި ވޯލްޑް ކަޕްގެ ސާމާނު ވިއްކާ ފިހާރަތައް ރަޝިއާގައި ހުޅުވާ އަދަދު ވެސް ދުވަހެއް ދުަވަހަކަށް ވަނީ އިތުރުވެފައެވެ. މިފަދަ ފިހާރަތައް ހުޅުވަމުންދަނީ ސްޓޭޑިއަމްތަކާ ކައިރި ހިސާބުތަކުގައެވެ. ރެސްޓޯރަންޓުތަކާއި ސައި ހޮޓާތަކާއި މިހެންގޮސް، ވޯލްޑް ކަޕާއެކު އާމްދަނީ ލިބޭނެ ހުރިހާ ގޮތަކަށް ރަޝިޔާގެ ރައްޔިތުން މިއަދު ވަނީ މަސައްކަތް ފަށާފައެވެ.
ވޯލްޑް ކަޕާއެކު ރަޝިޔާ ރައްޔިތުންގެ އަތްމަތި ތިއާގިވަމުން އަންނައިރު، މުބާރާތަށް ރަޝިޔާއިން ވަނީ 99 ޕަސެންޓް ތައްޔާރު ވެފައި ކަމަށް ފީފާއިން ވެސް ވަނީ ބުނެފައެވެ. ބައެއް މީޑިއާތަކުން ރަޝިޔާގެ ސްޓޭޑިއަމްތައް ފީފާގެ މިންގަނޑުތަަކަށް ނުފެތޭ ކަމަށް އަޑު ފެތުރިނަމަވެސް އެކަންވެސް ފީފާއިން ވަނީ ދޮގު ކޮށްފައެވެ. ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ މިއަހަރުގެ ވޯލްޑް ކަޕަށް ރަޝިއާ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ ހުރިހާ ކަމެއްގެވެސް "ފިނިޝިން" މަސައްކަތް ކަމަށެވެ. އަދި ވޯލްޑް ކަޕަށް ރަޝިއާއަށް ދާ ހުރިހާ އެންމެނަށްވެސް ފުރިހަމަ ވޯލްޑް ކަޕެއް ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް އިންފަންޓީނޯ ވަނީ ދެއްވާފައެވެ.
މުބާރާތާއި ދިމާކޮށް ރަޝިއާއިން ސަލާމަތީ ފިޔަވަޅުތައްވެސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ޚާއްސަކޮށް ޓެރަރިސްޓް ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު މިދިޔަ އަހަރު ދީފައިވާއިރު އެގައުމުން ދަނީ ސަލާމަތީގޮތުން އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މިއަހަރުގެ ޖޫން މަހު ރަޝިޔާގައި ފަށާ ވޯލްޑްކަޕް ކުޅުމަށް ހަމަޖެހިފައިވަނީ 11 ސިޓީއެއްގެ 12 ސްޓޭޑިއަމްގައެވެ. ރަޝިއާގެ ތައްޔާރީތައް މިނެކިރާލުމަށްޓަކައި މިއަހަރު ފީފާއިން ވަނީ ކޮންފެޑެރޭޝަން ކަޕް އެގައުމުގައި ބާއްވާފައެވެ. ކޮންފެޑެރޭޝަން ކަޕަކީ ވޯލްޑް ކަޕް ބާއްވާ ގައުމުގެ ތައްޔާރީތައް ބެލުމަށް ވޯލްޑް ކަޕް ބާއްވާ އަހަރުގެ ކުރީ އަހަރު ފީފާއިން ކުރިއަށް ގެންދާ މުބާރާތެކެވެ.
ވޯލްޑް ކަޕުގެ ޗެމްޕިއަނަށް މިހާރު ދޭ ޓްރޮފީއަކީ 1974 ވަނަ އަހަރު ތައާރަފުކުރި ޓްރޮފީއެކެވެ.
ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭ ފަޅިން ރަޝިއާ އާއި ސައުދީ އަރަބިއްޔާއެވެ. އެމެޗް ކުޅޭނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:00 ގައެވެ.
ވޯލްޑް ކަޕް 2018 ފެށެން 97 ދުވަސް: ވޯލްޑް ކަޕާއެކު ރަޝިއާއަށް އުފާވެރިކަމާއި ތަނަވަސްކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ