ރާއްޖޭގެ އެންމެ ދެކުނަށް މޫސުން ވަރަށް ގޯސްވެ، ރީނދޫ ސަމާލު !

ރާއްޖެގެ އެންމެ ދެކުނުގެ ދެ އަަތޮޅު ކަމަށްވާ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވެ ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިރޭ ނެރުނު ސަމާލުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
މި ސަމާލު ނެރެފައި ވަނީ 19:30 އިން މިރޭ 23:30 އާއި ހަމައަށެވެ.
މެޓް އޮފިހުން ބުނެފައި ވަނީ، ވައިޖެހޭނެ ގޮތަށް ބަލާއިރު ހުޅަނގުއުތުރާއި އުުތުރުންް، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި ދެކުނުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ