އަޅުގަނޑު އިންތިހާބުގެ ބަލި ގަބޫލުކުރަން - އަބްދުއްރަހީމް އަބްދުﷲ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފުރަތަމަ ކޮންގްރެސްގައި އެންމެ ވާދަވެރި އިންތިހާބު ކަމަށްވާ ނައިބު ލީޑަރުން ހޮވުމުގެ އިންތިހާބުގައި ބަލި ގަބޫލުކުރައްވާ ކަމަށާއި ކާމިޔާބު ހޯދި ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި ނައިބު ލީޑަރު ކަމަށް ވާދަކުރައްވާ ނާކާމިޔާބީ އާއި ކުރިމަތިލެއްވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި އެންމެ ވާދަވެރިކަމެއް އޮތް އެ ޕާޓީގެ ނައިބު ލީޑަރުގެ ދެ ގޮނޑިއަށް ޓުއަރިޒަމް މިނިސްޓަރު ކަމުގައި މިހާރު ހުންނެވި އަހުމަދު އަދީބާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވަނީ ހޮވިވަޑައިގެންފައެވެ.
ނައިބު ލީޑަރުކަމުގެ މަގާމަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެން ހޮވިވަޑައިގެންފައިވަނީ އަހުމަދު އަދީބަށެވެ. އޭނާއަށް 361 ވޯޓު ލިބިވަޑައިގެންނެވިއިރު ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އިލްހާމް އަހުމަދަށެވެ. އޭނާއަށް 301 ވޯޓު ލިބުނެވެ. އަބްދުއްރަހީމް އަބްދުﷲ އަށް ލިބިވަޑައިގެންނެވީ 268 ވޯޓެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރުކަމަށް ވެސް ބޭފުޅަކު އައްޔަންކޮށްފައިވާއިރު އެ މަގާމަށް ވާދަކުރައްވާފައި ވަނީ ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އެކަނި ކަމަށް ވާތީ، ވޯޓަކަށް ނުގޮސް އެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.
އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ނައިބު ލީޑަރުން ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބުނުކުރެއްވުނީ އޭނާއަށް ވުރެން އަނެއް ދެބޭފުޅުންގެ ކެމްޕެއިން ވަރުގަދަވުމުގެ ސަބަބުން ކަމަށާއި ކޮންމެ ނަތީޖާއެއް ނިކުތަސް އެނަތީޖާ ގަބޫލުކުރާނެ ކަމަށް މީގެކުރިން ވެސް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި ޕާޓީގައި ދެމިހުންނަވާ ގާބިލްކަންހުރި ވަރަކުން ޕާޓީއަށްކޮށްދެވެން ހުރި ހުރިހާ ކަމެއްކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން މިދެނީ ކުރިން ވެސް އޮންނާނީ ދީފައި އަޅުގަނޑު ކޮންމެ ނަތީޖާއެއް ނިކުތަސް އެނަތީޖާ ގަބޫލުކުރާނަމޭ، ޑިމޮކްރަސީގައި އޮންނާނީ ރައްޔިތުންގެ ނިންމުމަށް،އިހްތިރާމްކުރުން، އެހެންވީމަ އަޅުގަނޑު އިރާދަކުރެއްވިއްޔާ ޕާޓީގައި ދެމިހުންނާނަން، ގާބިލްކަންހުރި ވަރަކުން އަޅުގަނޑުގެ ހައިސިއްޔަތު ތަން ދިން ވަރަކުން ޕާޓީއަށްޓަކައިކޮށްދެވެން ހުރި ހުރިހާ މަސައްކަތެއްކޮށްދެއްވާނަން." އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
އިންތިހާބުގައި ނާކާމިޔާބާއި ކުރިމަތިލާންޖެހުމުން ޕާޓިއަށް އެއްވެސް ނިކަމެތި ކަމެއް ނުލިބޭނެ ކަމަށާއި ކުރިއަށް އޮތްތާންގައި 2013 ގެ ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ހޯދުމަށް ޕީޕީއެމް ކުރަމުންދާ މަސައްކަތުގައި ވެސް ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ކޮންމެ އިންތިހާބަކަށް ނިކުންނައިރުވެސް ބޮޑަށް ބަލަނީ މޮޅުވުމަށްވުރެން ބޮޑަށް ކައރީގައި އޮންނާނީ ބަލިވުން ކަމަށް، އިންތިހާބެއްގެ ވެއްޖެއްޔާ މި އޮންނަނީ ބަލިވުމާއި މޮޅުވުން، އޭގެ ތެރޭގައިމަސައްކަތް ރަނގަޅަށް ކުރެވޭ ބަޔަކު ގިނަ ފަހަރަށް ކާމިޔާބުކޮށްފައި އޮންނާނީ، ވީމާ އަޅުގަނޑު އިންތިހާބަށް ނިކުތީ ވެސް ބަލިވެދާނެ ކަމަށް ގަބޫލުކޮށްގެން." އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސްކަން ވެސް ކުރެއްވި އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ މި ނާކާމިޔާބީގެ ސަބަބުން ޕާޓީ ދޫކޮށްފައި ވަޑައިނުގަންނަވާނެ ކަމަށެވެ.
"އަބަދުވެސް ބައެއް ބޭފުޅުން ދަންނަވަމުން މިގެންދިޔައީ ކޮންގްރެސްއަށްފަހު ޕާޓީ ބައިބައިވާނެ ކަމަށް އޭރުވެސް އަޅުގަނޑު ދެންނެވިން މި ކޮންގްރެސްއަށް ފަހު ޕާޓީ އިތުރަށް ވަރުގަދައޭ ވާނީ ކޮންމެނަތީޖާއެއް ނިކުތަސް އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެން ދަތުރުކުރަނީ އެއް މިސްރާބަކަށޭ، އެހެންވީމަ އެމިސްރާބަށް ކުރާ ދަތުރުގައި އިރާދަކުރެއްވިއްޔާ އެއްވެސް ކަހަލަ މަޑުޖެހުމެއް ނާންނާނެ." އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ