ގާސިމް މަރާލި މީހުންނަށް މަރުގެ އަދަބު ދޭން ގޮވާލައިފި

ރޭ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ޙަސަން މަރާލި މީހުން ހޯދާ އެމީހުންނަށް އިސްލާމްދީންގައި އަންގަވާފައިވާގޮތަށް ޝަރީއަތް ގާއިމްކޮށްދެއްވުމަށް ސަރުކާރާއި ކަމާބެހޭ އެންމެހާއި މުއައްސަސާތަކަށް ދިވެހި ޑްރައިވަރުންގެ ޖަމްޢިއްޔާއިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން މިގޮތަށް ގޮވާލީ، ގާސިމް މަރާލި މައްސަލާގައި، އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، ރޭ ހުޅުމާލޭގައި ރަހުމްކުޑަ އަނިޔާވެރި ހަމަލާއެއްގައި ގާސިމް ނިޔާވެފައިވާތީ އެކަން އެ ޖަމިއްޔާގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ގާސިމް އަށް ހަމަލާދީފައި ވަނީ ރޭ 21:09 ހާއިރު ހުޅުމާލެ އަނދިރި މަގެއްގައެވެ. ގާސިމަށް ހަމަލާދިނުމުން އޭނާ މަގުމައްޗަށް ވެއްޓިފައި އޮތް ސަރަހައްދާއި ދުރުނޫން ހިސާބެއްގައި އޭނާގެ ކާރު އޮތެވެ.
ގާސިމްގެ ހަށިގަނޑު ފެނުނު މީހަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ހަމަލާ ދީފައި ވަނީ ގާސިމްގެ ކަރަށް ކަމަށެވެ. ގާސިމްއަށް ލިބުނު ޒަަހަމްތަކާއި ގުޅިގެން ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވީ ރޭ 22:00 ހާއިރު އެވެ.
ގާސިމް މަރާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލައާ ގުޅިގެން ބަޔަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.
ގާސިމް ނިޔާވިއިރު އަނބިމީހާ އާއި ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ