ކޮމިޝަނަށާއި ފުލުހުންގެ ތަހުގީގަށް މައުމޫން ހާޒިރު ނުކުރުމަށް ކޯޓުން އަމުރު ނެރެފި

ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ރިޔާސީ ކޮމިޝަނާ ދެކޮޅަށް ކުރައްވާ ދައުވާގެ ޝަރީއަތް ވަކިގޮތަކަށް ނިމެންދެން އެމަނިކުފާނު އެ ކޮމިޝަނަށް ހާޒިރު ނުކުރުމަށާއި ކޮމިޝަނަށް ވަޑައިނުގެންނެވި މައްސަލަ ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް ވެސް ހާޒިރު ނުކުރުމަށް އަންގައި މަދަނީ ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.
މަދަނީ ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި އަމުރު ނެރުއްވަމުން ގާޒީ މުހައްމަދު ހިލްމީ ވިދާޅުވީ، ރިޔާސީ ކޮމިޝަނަށް މައުމޫން ހާޒިރުވުމަށް އަންގައި އަމުރު ނެރުމާއި ކޮމިޝަނުގެ އެންގުމުށް މައުމޫންގެ ރުހުމެއް ނެތި އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކުރުން ޝަރުއީ މަސްލަހަތާއި އަދުލް އިންސާފަށްޓަކައި މިހިނދަށް ހުއްޓުވަންޖެހޭ ކަމަށް ޝަރީއަތުން ބުރަވާ ކަމަށެވެ.
"... ރިޔާސީ ކޮމިޝަނަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މއ. ކިނބިގަސްދޮށުގޭ މައުމޫން އަބްދުލްގައްޔޫމް ހާޒިރު ނުކުރުމަށާއި އެ ކޮމިޝަނަށް ހާޒިރުވާން އެންގުމުން އެ ކޮމިޝަނަށް ހާޒިރުވާން އިންކާރު ކުރި މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް މައުމޫން އަބްދުލްގައްޔޫމް ހާޒިރު ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ރިޔާސީ ކޮމިޝަނަށް އަންގައި އަމުރުކޮށްފިން،" ގާޒީ ވިދާޅުވި އެވެ.
ވަގުތީ އަމުރަށް އެދިވަޑައިގަންނަވަމުން މައުމޫންގެ ފަރާތުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފެހެއްޓުން ފަދަ ކަމެއް ނުކުރުމަށް އަންގައި ދިނުމަށް ވެސް އެދިވަޑައިގަތެވެ. ނަމަވެސް ކޯޓުން ނެރުނު އަމުރުގައި އެބައެއް ހިމަނާފައެއް ނުވެ އެވެ.
އެ އަމުރު ނެރުއްވުމުގެ ކުރިން ގާޒީ ވިދާޅުވީ އަމުރާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ވެސް ފުރުސަތު ދެއްވާފައިވާ ކަމަށާއި ނަމަވެސް އެ ފުރުސަތުގައި އެކަމާ ގުޅޭގޮތުން ވަކި ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ. ދައުލަތުގެ ވަކީލުންގެ ޓީމު ލީޑު ކުރައްވާ ވަކީލު އަބްދުލްފައްތާހު ވިދާޅުވީ އެ މައްސަލައިގައި ވަކި ޖަވާބެއް ނުދެއްވީ ޖަވާބު އެރުވުމަށް އިތުރު ފުރުސަތަކަށް އެދިވަޑައިގެންފައި އޮތުމުން ކަމަށެވެ. އަދި އޭނާ ނިންމަވައިގެން ހުރީ މިއަދުގެ ޖަވާބު ދެއްވުމަށް ފުރުސަތެއް ލިބިވަޑައިނުގެންނެވި ނަމަ މިއަދުގެ އަޑުއެހުމުގައި އެކަމަށް ޖަވާބެއް ދެއްވުމަށް ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ވަގުތީ އަމުރާ ބެހޭ ގޮތުން ޖަވާބެއް ދެއްވުމަށް މިއަދުގެ އަޑުއެހުމުގައި ނޫން ގޮތަކަށް ފުރުސަތު ދެއްވުމަކީ އިންސާފެއް ނޫން ކަމަށެވެ.
ޝަރީއަތުގައި މައުމޫން ކުރައްވާ ދައުވާ ހުށަހަޅުއްވަމުން އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ފަރާތުން ޝާހީން ހަމީދު ވިދާޅުވީ ރިޔާސީ ކޮމިޝަން އުފައްދާފައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ގ. ގެ ދަށުން ކަމުގައިވީ ނަމަވެސް ގަދަކަމުން އެ ކޮމިޝަނަށް މީހުން ހާޒިރު ކުރުމުގެ ބާރު ގާނޫނު އަސާސީން އެ ކޮމިޝަނަށް ލިބިގެންނުވާ ކަމަށެވެ. އަދި އެ ކޮމިޝަނާ ބެހޭ ގޮތުން ގާނޫނެއް ވެސް މިހާތަނަށް ހެދިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާނޫނުތަކާއި ގަވާއިދުތަކާއި ރައްޔިތުން އެމައްޗަށް އަމަލު ކުރުމަށް ސަރުކާރުން އަންގާ އެންގުންތައް އާންމުންނަށް ލިބެން ހުންނާނޭ ގޮތަށް ޝާއިއު ކޮށްފައި ހުންނަންވާނެ ކަމަށް ގާނޫނު އަސާސީގެ 61 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ވެސް ޝާހީން ހަމީދު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 64 ވަނަ މާއްދާގައި، ގާނޫނަކުން ބާރު ލިބިގެން މެނުވީ ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއްވެސް މީހަކަށް އަމުރެއްކޮށްގެން ނުވާނެ ކަމަށާއި ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ބުނާ ކަމަށެވެ. އެހެންކަމުން ރިޔާސީ ކޮމިޝަނުން ކުރި ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމުގެ ހައްގު މައުމޫނަށް ލިބިގެންވާ ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ. އަދި އަނެކުންގެ ހައްގުތަކާއި މިނިވަންކަމަށް ރައްކާތެރިވުމަކީ ކޮންމެ މީހެއްގެ މައްޗަށް ގާނޫނު އަސާސީގެ 67 ވަނަ މާއްދާގެ ދަށުން ލާޒިމުކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް އެއްވެސް ހައްގަކަށް ނުވަތަ މިނިވަން ކަމަކަށް އުނިކަމެއް ލިބޭ ފަދަ އަމަލެއް ކުރުމުގެ ނުވަތަ އެފަދަ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ދައުލަތަށް ލިބޭނެ ގޮތަކަށް ގާނޫނު އަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް ތަރުޖަމާކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 69 ވަނަ މާއްދާގައި ބުނާ ކަމަށް ޝާހީން ވިދާޅުވި އެވެ.
ތަހުގީގުތައް ފުލުހުން ހިންގަނީ ފުލުހުންގެ ގާނޫނުން ބާރު ލިބިގެން ކަމަށް ޝާހީން ވިދާޅުވި އެވެ. ގާނޫނު އަސާސީގެ 64 ވަނަ މާއްދާއާ ހިލާފަށް ކުރާ އަމުރެއް ވާނީ ބާތިލް އެއްޗަކަށް ކަމަށާއި އެހެންކަމުން އެފަދަ ބާތިލް ކަމެއް ފުލުހުންނަށް ތަހުގީގު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއްވެސް ފަރާތަކުން ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ މީހަކަށް ޣައިރު ގާނޫނީ އަމުރެއް ކޮށްގެން ނުވާނެ ކަމަށާއި އެފަދަ އަމުރަކަށް ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކު ތަބާވެގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 245 ވަނަ މާއްދާގައި ބުނާ ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ. އަދި ގަސްދުގައި އެނގި ހުރެ ފުލުސް މީހަކު އެ މީހެއްގެ ބާރާއި އިހްތިޔާރު ލިބިފައިވާ ދާއިރާގެ ބޭރުން އެހެން މީހެއްގެ މައްޗަށް ބާރު ހިންގައިފި އެއީ ކުށެއް ކަމަށް ފުލުހުންގެ ގާނޫނުގެ 13 ވަނަ މާއްދާގެ ބ. ގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ގާނޫނަކުން ކަނޑައެޅިފައިވާ ގޮތުގެ މަތީން މެނުވީ އެއްވެސް މީހަކު ގަޔަށް އަތްލައި، ހިފައި ހިފައި ހައްޔަރުކޮށް ބަންދު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގެ 45 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ޝާހީން ވިދާޅުވި އެވެ.
އެހެންކަމުން ދައުވާގައިވާ ކަންތައްތަކަށް ރިއާޔަތްކޮށްދެއްވާ މައުމޫންގެ ނުރުހުމުގައި އެމަނިކުފާނު ރިޔާސީ ކޮމިޝަނަށް ހާޒިރު ނުކުރެވޭނެ ކަމަށް ކަނޑައަޅުއްވައި އެ ކޮމިޝަނަށް ހާޒިރު ނުވުމުން އެ މައްސަލަ ފުލުހުންނަށް ތަހުގީގު ވެސް ނުކުރެވޭނެ ކަމަށް ކަނޑައެޅުއްވުމަށް ޝާހީން އެދިވަޑައިގަތެވެ.
ދައުވާގެ އިތުރު ތަފްސީލެއް ދެއްވަމުން ޝާހީން ވިދާޅުވީ މިހާތަނަށް ރިޔާސީ ކޮމިޝަނަށް ހާޒިރުވާން އިންކާރު ކުރި މީހުން ގަދަކަމުން ވެސް އެ ކޮމިޝަނަށް ހާޒިރު ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި ބައެއް މީހުން އެގޮތަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި އެކޮމިޝަނަށް މައުމޫން ވަޑައިނުގެންނެވި މައްސަލަ ތަހުގީގު ކުރުމަށް ގަދަކަމުން ނަމަވެސް އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކުރާނެ ކަމަށް ބުނެ ފުލުހުން އިންޒާރުދީފައިވާ ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.
މައުމޫންގެ ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދެއްވުމުން ވެސް ދައުލަތުގެ ވަކީލު ވިދާޅުވީ ދައުވާއަށް ޖަވާބުދާރީވާން ފުރުސަތެއް ބޭނުންވެވަޑައިގެންނަނަވާ ކަމަށެވެ. އަދި އެ މައްސަލައިގައި ލިޔެކިޔުންތައް ލިިވަޑައިގެންނެވީ އިއްޔެ މެންދުރުފަހުގައި ކަމަށްވުމުން އެކަށީގެންވާ ވަރަށް އެ ތަކެތި ދިރާސާ ނުކުރެވޭ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އަށް ޖަވާބު ނުދެއްވުމުން ޝާހީން ހަމީދު ވިދާޅުވީ ދައުވާގައި މުޅިންހެން ވެސް ހުންނާނީ ގާނޫނު އަސާސީއާ ގާނޫނަށް ހަވާލާދީފައި ކަމަށާއި އެންމެނަކީ ވެސް ގާނޫނީ ވަކީލުން ކަމުން މާބޮޑަށް އެ މައްސަލަ ދިރާސާ ކުރަންޖެހޭނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ޝާހީން ހަމީދުގެ އިތުރުން މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ އައްބާސް ޝަރީފާއި ދީނާ ހުސެއިންނާއި މައުމޫން ހަމީދެވެ. އަބްދުލްފައްތާހުގެ އިތުރުން ދައުލަތުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ މިދުހަތް މާހިރާއި މުހައްމަދު ހުޝާމެވެ.
24: 10
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސީ ކޮމިޝަނަށް ހާޒިރު ނުކުރެވޭނެ ކަމަށާއި އެކަމާ ގުޅޭ ފުލުހުންގެ ތަހުގީގަށް ވެސް އެ މަނިކުފާނު ހާޒިރު ނުކުރެވޭނެ ކަމަށް ކޯޓުން ދެންމެ ވަގުތީ އަމުރެއް ނެރެފި އެވެ.
މަދަނީ ކޯޓުގެ އަމުރު ނެރުނީ ދައުލަތުގެ މުދަލަށާއި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ހާޒިރުވެ ވަޑައިގަތުމަށް މައުމޫނަށް ޗިޓު ފޮނުވުމާ ގުޅިގެން އެ މަނިކުފާނު ކޯޓަށް ހުށަހެޅުއްވި މައްސަލަ ނިމެންދެން އެ ކޮމިޝަނަށް އެ މަނިކުފާނު ހާޒިރު ނުކުރެވޭނެ ކަމަށާއި އަދި އެކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ވެސް އެ މަނިކުފާނު ހާޒިރު ނުކުރެވޭނެ ކަމަށެވެ.
ކޯޓު އަމުރު މިއައީ މައުމޫން ރިޔާސީ ކޮމިޝަނަށް ހާޒިރުވެ ވަޑައިނުގެންނެވުމުން އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ބައިގަޑިއިރުގެ މުހުލަތެއް ދިނުމާ ގުޅިގެން އެ މަނިކުފާނު ރޭ ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގެންފައި ވަނިކޮށެވެ.
މައުލޫމާތުތަކެއް ސާފުކުރަން ކަމަށް ބުނެ ރިޔާސީ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް މައުމޫނަށް މިދިޔަ ބުރާސްފަތި ދުވަހު ދެ ފަހަރު ޗިޓް ފޮނުވި އެވެ. ނަމަވެސް ރިޔާސީ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމުގައި ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެ މައުމޫން ވަނީ އެ ޗިޓް އަނބުރާ ފޮނުވާލައްވައިފަ އެވެ.
ރިޔާސީ ކޮމިޝަނަށް އެ މަނިކުފާނު ހާޒިރުކުރުމަށް އެއްވެސް އަމުރެއް ނުކުރެއްވުމަށް އެ ކޮމިޝަނަށް އަންގަވައި ވަގުތީ ކޯޓު އަމުރެއް ނެރެދެއްވުމަށް މައުމޫން މަދަނީ ކޯޓަށް ހުށަހެޅުއްވީ އާދީއްތަ ދުވަހު އެވެ.
އެއާއެކު މައުމޫން ވަނީ "ރިޔާސީ ކޮމިޝަނުން ނެރޭ އަމުރުތަކަށް ތަބާނުވުމަކީ، ގާނޫނު އަސާސީގެ 64 ވަނަ މާއްދާގެ ދަށުން ލިބޭ ހައްގެއް ކަމަށާއި، މި ފަދަ އަމުރުތަކަށް ތަބާނުވުމުގެ މައްސަލަތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ގާނޫނީ ގޮތުން ތަހުގީގުކުރެވޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅުއްވައިދެއްވުމަށް" ވެސް މަދަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ. އަދި ރިޔާސީ ކޮމިޝަންގެ ބޭނުމަށް މައުމޫން ހައްޔަރުކުރެއްވުން ނުވަތަ ޕާސްޕޯޓް ހިފެހެއްޓުން ފަދަ އެއްވެސް ކަމެއް އެ ކޮމިޝަނަށް ވެސް އަދި ފުލުހުންނަށް ވެސް ނުކުރެވޭނެ ކަމަށް ކޯޓުން ކަނޑައަޅައި ދިނުމަށް ވެސް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.

(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ