މަޖިލީހުގެ މެމްބަރުންގެ ހާއްސަ ފުޓުބޯޅަ މެޗުގެ ބާކީ ފައިސާ ކުޑަކުދިންގެ ހިޔާއާ ހަވާލުކޮށްފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް އެހީތެރިވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުޅުއްވި ފުޓުބޯޅަ މެޗުގެ ބާކީ 330،200ރ. ކުޑަކުދިންގެ ހިޔާއާ މިއަދު ހަވާލުކޮށްފި އެވެ.
މެމްބަރުންގެ ފުޓުބޯޅަ މެޗުގެ ބާކީ 330،200ރ. ކުޑަކުދިންގެ ހިޔާއާ މިއަދު ހަވާލު ކުރިއިރު މިދިޔަ މަހުގެ ތެރޭގައި ވަނީ އެހާތަނަށް ލިބިފައިވާ 1،035،120ރ. ހަވާލުކޮށްފަ އެވެ. އެހެން ކަމުން ފުޓުބޯޅަ މެޗުން މިހާތަނަށް ވަނީ 1،365،320ރ. ކުޑަކުދިންގެ ހިޔާއާ ހަވާލުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އޮގަސްޓް 7 ގައި މެމްބަރުން ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗުގެ ބާކީ ފައިސާ ކުޑަކުދިންގެ ހިޔާއާ ހަވާލުކޮށްދެއްވީ މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މަޖިލީހުގެ އަމީން އާންމުގެ ނާއިބު ޑރ. އަލީ ޝަމީމް ކަމަށެވެ. ކުޑަކުދިންގެ ހިޔާގެ ފަރާތުން އެ ފައިސާއާ ހަވާލުވެ ވަޑައިގެންނެވީ ހެލްތު އެންޑް ފެމިލީ މިނިސްޓަރުގެ ނާއިބު މާރިޔާ އަލީ އެވެ.
މެޗުން ލިބުނު ފައިސާ ހޭދަކުރާނީ ކުޑަކުދިންގެ ހިޔާއަށް މިހާރުން މިހާރަށް ވެސް ބޭނުންވާ ބައެއް މުހިންމު މުވައްޒަފުން ހޯދުމަށާއި ކުދިންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމަށް ފައިސާއާ ހަވާލުވެ ވަޑައިގެންނެވި މާރިޔާ ވިދާޅުވި ކަމަށް މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވެ އެވެ. އަދި އެ ފައިސާއިން ހަރަދުތައް ކުރަމުންދާ ގޮތުގެ ތަފުސީލުތައް ވެސް މަޖިލީހުގެ މެމްބަރުންނަށް އަރުވާނެ ކަމަށް ވެސް ހެލްތު އެންޑް ފެމިލީ މިނިސްޓަރުގެ ނާއިބު ވިދާޅުވި ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ