މެމްބަރު އާމިރުގެ މައްސަލައިގައި ހައްޔަރުކުރި ދެ އަންހެނުން ގޭ ބަންދަށް ބަދަލުކޮށްފި

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ އަންހެނުން ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަ އަހްމަދު ޝިޔާމް ބުރާސްފަތި ދުވަހު ވިދާޅުވީ އެ މީހުން ގޭ ބަންދަށް ބަދަލުކުރީ އެ ދެ މީހުންގެ ވެސް ތުއްތު ދެ ކުދިން އޮތުމުން ކަމަށެވެ.
"ހައްޔަރުކުރި ފިރިހެން މީހާ އަދިވެސް ހުރީ ފުލުހުންގެ ހައްޔަރުގައި،" ޝިޔާމް ވިދާޅުވި އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ އާމިރު ވަން ކަމަށް ބުނާ ގޭގެ ދެ އަންހެނަކާއި ފިރިހެނެކެވެ. އެ ތަނުން އެކަކީ އާމިރު ހިފިހެއްޓި އަންހެން މީހާ އެވެ. އަދި އަނެއް މީހަކީ އާމިރު ވަން ކަމަށް ބުނާ އަންހެން މީހާ އެވެ. އަދި ހައްޔަރުކުރި ފިރިހެން މީހާއަކީ އާމިރު ހިފެހެއްޓި އަންހެން މީހާގެ ބޭބެ އެވެ.
އާމިރަށް ހަމަލާ ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މި ތިން މީހުން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
މީހެއްގެ އަންބެއް ކައިރިއަށް ވަންކަމުގެ ތުހުމަތުގައި މެމްބަރު އާމިރު ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އާމިރު ހިފެހެއްޓި އަންހެން މީހާ ބުނީ އާމިރު ހިފެހެއްޓުމުގެ ސަބަބުން އާމިރު ލައިގެން ހުރި ފަޓްލޫނު އިރައިގެން ގޮސް ބަރަހަނާވެ މޫނުމަތި ޒަހަމްވި ކަމަށާއި ފުލުހުން އައިސް ގެންދިޔައީ އެ ގޭގައި އޮތް ޖީންސެއް ލައްވައިގެން ކަމަށެވެ.
އެ މައްސަލައިގައި އާމިރު ވިދާޅުވެފައި ވަނީ އޭނާ މީހެއްގެ އަންބެއް ކައިރިއަށް ވަދެފައި ނުވާނެ ކަމަށާއި މަގުމަތިން ސައިކަލުގައި ވަޑައިގަންނަވަނިކޮށް ބަޔަކު އޭނާ ގެއަކަށް ވައްދައި ތަޅައިގަތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ