ސިއްހީ ދާއިރާގެ ރިޓަޔާރ ވެފައިވާ ފަރާތްތަކަށް ކޮންޓްރެކްޓަށް މަސައްކަތް ކުރެވޭނެ ގޮތް ހަދަނީ

އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ސިއްހީ ހިދުމަތްތެރިން، އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކަށައެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއި އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މި ހަފްތާގެ ވަޒީރުންގެ މަޖިލީހުގައި މިގޮތަށް ނިންމަވާފައި ވަނީ، ހެލްތް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ. އެގޮތުން އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައި އަދި ހިދުމަތަށް އަލަށް ވަނުމަށް ބޭނުންވާ ނަރުހުންނާއި އެހެނިހެން ސިއްހީ ހިދުމަތްތެރިންގެ ތެރެއިން މިވަގުތު ވެސް ވަޒީފާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ދެއްވުމަށް ކެބިނެޓު ވަނީ ނިންމާފަ އެވެ.
އެގޮތުން ބަޖެޓުގައި ހިމެނިފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން އެ ފަރާތްތަކަށް އަދާ ކުރެވޭނެ މަގާމެއް އޮތްނަމަ، މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސެވުމުގެ އާންމު އުސޫލުގެ ދަށުން މިކަން ކުރެއްވުމުގެ ބަދަލުގައި، ހާއްސަ ސްކީމެއްގެ ދަށުން، ސިއްހީ ދާއިރާއަށް ހާއްސަ އަވަސް ރެކްރޫޓްމަންޓް ޕްރޮސެސްއެއްގެ ތެރެއިން  ވަޒީފާ ހަމަޖެއްސުމަށް ރައީސް ވަނީ ނިންމަވާފައެވެ. އަދި 8 ގަޑިއަރަށްވުރެ މަދުން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް، އެފަރާތްތަކުން މަސައްކަތްކުރާ ވަގުތަށް ރިޢާޔަތްކޮށް، އުޖޫރައެއް ކަނޑައަޅުއްވައި، ދިވެހި ސިވިލް ސަވިސް ގަވާއިދުގެ ތެރެއިން މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ވެސް ނިންމަވާފައި ވެއެވެ.
މީގެ އިތުރުން 55 އަހަރުވެފައިވާ ނުވަތަ ރިޓަޔަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އަނބުރާ ނުކުންނަން ބޭނުންވާ ފަރާތަކީ، ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން ނެރުމަށް މަގު ފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ނުވިނަމަވެސް، އެ ފަރާތަކީ ސިއްހީ ގޮތުންނާއި، ތައުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ގާބިލު ފަރާތެއްކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަށް ނެގުމުގެ ފުރުސަތު ދެވޭނެ ގޮތް ހަމަޖެއްސެވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ