ކަރަންޓު ކެނޑެނީ ރާވައިގެން ސަޕްލައި ނަރު ބުރިކުރާތީތޯ ހިތަށް އަރާ: މުސްތަފާ

އެމްޑީޕީގެ މެމްބަރުންތަކެއް ތިބެގެން އެ މީހުންނާއި ގުޅުން ހުރި ބަޔަކަށް މަގުހެދުމުގެ މަސައްކަތްތައް ހަވާލުކޮށްގެން ކަރަންޓު ކަނޑާލަމުންދަނީތޯ ހިތަށް އަރާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު މުސްތަފާ ވަނީ އައްޑޫ ސިޓީ އަދި އެހެނިހެން ރަށްތަކުގައި ކަރަންޓު ކެނޑިގެންދާ މައްސަލައަށް އަލިއަޅުއްވާފައެވެ. މުސްތަފާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ މައްސަލަތައް ފާހަގަކުރެވޭކަމަށްވުމުން ޕީއެންސީއިންވެސް ކަންބޮޑުވާކަމަށެވެ. މެމްބަރު މުސްތަފާ ވިދާޅުވީ، ސަރުކާރުންދަނީ އެ މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތްކުރަމުންކަމަށެވެ.
އޭނާ ވިދާޅުވީ، އައްޑޫ ސިޓީއިން ކަރަންޓު ކެނޑުމަކީ ކުއްލިޔަކަށް ދިމާވި މައްސަލައެއް ނޫންކަމަށެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެންވެސް މައްސަލަތައް ފެންމަތިވަމުން އަންނަކަމަށާއި ސަބަބަކީ އެ ސަރަހައްދުގެ އާބާދީއާއި އެއްވަރަށް ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ނެތުންކަމަށް ހިއްސާކުރެއްވިއެވެ.  މުސްތަފާ ވިދާޅުވީ، ނޫސްތަކުގައި ވާ މައުލޫމާތުތަކަށް ބަލާލުމުން މީގެ ކުރިން ކަރަންޓު ކެނޑިގެންދިޔަ އަދަދާއި ކެނޑިފައި ހުރި ވަގުތު ނުވަތަ ދުވަސްތައްވެސް އެނގިގެންދާނެކަމަށެވެ.
މުސްތަފާ ވިދާޅުވީ، އައްޑޫގެ ކަރަންޓު ކެނޑުމުގެ މައްސަލައަކީ ކުއްލިޔަކަށް އުފެދުނު މައްސަލައެއް ނޫންކަމަށެވެ. އެހެންނަމަވެސް އެމްޑީޕީއިން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ ކުއްލި މައްސަލައެއްގެ ގޮތުގައިކަމަށް އިޝާރާތްކުރެއްވިއެވެ. އެހެންކަމުން އެމްޑީޕީއިން ކުއްލި މައްސަލަތައް ހުށައަޅަމުންދަނީ ސަރުކާރާއިމެދު ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފެއްދުމުގެ ގޮތުންކަމަށާއި ކުރަމުންދަނީ ނޫސްތަކަށް ހެޑްލައިންތައް އެރުވުމުގެ މަސައްކަތްތައްކަމަށް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީއިން އުޅެނީ ރައްޔިތުންނަށް ކަންކަން އޮޅުވާލައިގެންކަމަށާއި އައްޑޫގައި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުން ތިބި ފަދަ ހާލަތެއްގައި ނޫންކަމަށް ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ، ކުއްލި މައްސަލައެއް ހުށައެޅުމުން ކުރެއްވި ދިރާސާތަކުން މިކަން ދިމާވީ ފޮނުވަން ޖެހޭ އެއްޗެއް ކުއްލިޔަކަށް ނުފޮނުވިގެން ނޫނީ ކުއްލިޔަކަށް ތެޔޮ ހުސްވެގެން ނޫންކަން ސާފުވެވަޑައިގަންނަވާކަމަށެވެ.
އޭނާ ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ކޮންޓްރެކްޓުކުރި ކުންފުންޏަކުން މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، ސަޕްލައި ނަރު ބުރިވުމުގެ މައްސަލަ ދިމާވާކަމަށާއި ނަރު ބުރިވުމުން ފެނަކައިން އެކަންތައް ހައްލުވެސް ކުރާކަމަށް ވިދާޅުވިއެވެ. އަދި މިހާރު އައްޑޫގެ ކަރަންޓުގެ މައްސަލަވެސް ހައްލުކޮށްފައިވާކަމަށް އަލިއެޅުއްވިއިރު މުސްތަފާވަނީ އެމްޑީޕީގެ މެމްބަރުންގެ ނުފޫޒުން މަގު ހެދުމުގެ މަސައްކަތްތަކުގެ ތެރެއިން ގަސްދުކޮށްގެން ކަރަންޓު ކަނޑާލަމުންދާކަމާއިމެދު ސުވާލު އުފެދޭކަންވެސް ފާޙަގަކުރައްވާފައެވެ.
މުސްތަފާ ވިދާޅުވީ، އެ މިންގަނޑަށް މައްސަލަ ގޯސްކަމަށާއި މަގު ހަދާއިރު ކަރަންޓު ސަޕްލައި ނަރު ބުރި ނުވާ ގޮތަކަށް މަސައްކަތްތައް ކުރެވެން ޖެހޭކަމަށާއި ކަރަންޓު ކެނޑެނީ މަގު ހެދުމުގެ މަސައްކަތްތަކުގެ ތެރެއިން ނަރު ބުރިވުން ފަދަ ކަންކަމާއި ގުޅިގެންކަމަށް މައުލޫމާތު ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ