އަރަބިއްޔާގެ ޕްރިންސިޕަލް ޒިންމާތަކުން ދުރުކޮށް، ސްކޫލް ހިންގުން އެހެން މީހަކަށް

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް ސްކޫލް ހިންގުމުގެ ޒިންމާތަކުން ދުރުކޮށް ވަގުތީ ގޮތުން އެ ސްކޫލް ހިންގުން އެހެން ޕްރިންސިޕަލަކާ ހަވާލުކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - އެޑިޔުކޭޝަނުން މިހެން ބުނީ، އަރަބިއްޔާއާ ގުޅޭގޮތުން ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާ 'އެއްކޮޅަށް' މަސައްކަތް ކުރަމުންދާތީ އޭނާ ވަކިކޮށްފައިވާ ކަމަށް ފެތުރިފައިވާ އަޑުތަކާ ގުޅިގެންނެވެ.
މިކަން ދޮގުކުރަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ 'ދައުރު'އަށް ވިދާޅުވީ ޝުޖާއު އަދި ވެސް ހުންނެވީ ޕްރިންސިޕަލްގެ މަގާމުގައި ކަމަށާއި ނަމަވެސް ޕްރިންސިޕަލްގެ ޒިންމާތަކުން ދުރުކޮށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - އަރަބިއްޔާ ހިންގުމުގެ ޒިންމާތަކުން ޝުޖާއު އެކެހެރި ކުރި ސަބަބެއް ކަމަށް އަހުމަދު އަލީ ވިދާޅުވީ، ސްކޫލް ހިންގުމާ ގުޅޭ ގޮތުން ފާހަގަކުރެވުނު މައްސަލަތަކަކާ ގުޅިގެން ގެނައި ބަދަލެއް ކަމަށެވެ.
"މި ބަދަލަކީ ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރަން އެޑިޔުކޭޝަން މިނިސްޓްރީއަށް ފާހަގަކުރެވުނު ކަމަކާ ގުޅިގެން ގެނައި ބަދަލެއް،" އަހުމަދު އަލީ ވިދާޅުވި އެވެ.
ތަފްސީލް - އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ޝުއޫރުތައް ފާޅުކުރާ ޓުވިޓާ އެކައުންޓަކުން ކޮށްފައިވާ ޓުވީޓެއްގައި ބުނީ މިއީ އެ ސްކޫލުގެ ބެލެނިވެރިން ހިންގަމުންދާ 'ސޭވް އަރަބިއްޔާ' ކެމްޕެއިން ހުއްޓުވަން ޕްރިންސިޕަލް މަސައްކަތް ނުކުރައްވާތީ އެޑިޔުކޭޝަނުން އެޅި ފިޔަވަޅެއް ކަމަށެވެ. 
އެ ވާހަކަތައް ދޮގުކުރަމުން އަލީ އަހުމަދު ވިދާޅުވީ މިއީ "އެއްގޮތަކަށް ވެސް އެ ދެކެވޭ ވާހަކަތަކާ" ގުޅިގެން އެޑިޔުކޭޝަނުން އެޅި ފިޔަވަޅެއް ނޫން ކަމަށާއި ހަމައެކަނި ބޭނުމަކީ އަރަބިއްޔާ ސްކޫލުގެ ހިންގުން ހަރުދަނާ ކުރުން ކަމަށެވެ. 
އެކަމަކު އަރަބިއްޔާ ސްކޫލް ހިންގުމުގެ ޒިންމާތައް ހަވާލުކުރި މީހެއްގެ ނަން ހާމަކުރަން އަހުމަދު އުޒުރުވެރިވި އެވެ. އެ ބޭފުޅަކީ ކޮބައިތޯ ސުވާލު ކުރުމުން އަހުމަދު ވިދާޅުވީ ޒިންމާތައް ހަވާލުކުރީ މިހާރު ވެސް މާލޭގެ ސްކޫލެއްގައި މަސައްކަތް ކުރައްވާ "ވަރަށް ތަޖުރިބާކާރު ޕްރިންސިޕަލަކާ" ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވި އެވެ.
އެނގުން މުހިންމު - އެޑިޔުކޭޝަން މިނިސްޓްރީން ބާ ޖަމާލުއްދީނު ބިމުގައި އިމާރާތްކުރާ އަރަބިިއްޔާގެ އާ އިމާރާތުގެ މަސައްކަތް 168 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެކަމަކު މި ސްކޫލް ޖަމާލުއްދީނާ އިންވެގެން ހުންނާތީ އަރަބިއްޔާގެ ބެލެނިވެރިންގެ ކަންބޮޑުވުން އެބަހުއްޓެވެ.
އަންނަ އަހަރަށް ބަޖެޓު ހުށަހެޅި އިރު އަރަބިއްޔާ ސްކޫލުގެ އިމާރާތަށް ބަޖެޓްކޮށްފައި ނެތް މައްސަލަ މިފަހުން ފެންމަތިވެގެން، އެއީ 'އިދާރީ އޮޅުމަކުން' ހިނގި ކަމެއް ކަމަށް ބުނެ އެ ފައިސާ ބަޖެޓުގައި ހިމެނިގެން ދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އަރަބިއްޔާގެ ކުރީގެ އިމާރާތުގައި ރެނދުލައި ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވުމާ ގުޅިގެން އެ ސްކޫލުގެ ދަރިވަރުން މި ވަގުތު ކިޔަވަމުން އަންނަނީ އެމްޓީސީސީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި، ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ