ރާ ބޮއެގެން ޑިއުޓީއަށް ދިޔަ ފުލުހަކަށް ދޭންޖެހުނު ބަދަލު ހައި ކޯޓުން ކުޑަކޮށްފި

ބަނގުރާ ބޮއެގެން ޑިއުޓީއަށް ގޮސް އުޅުނު މައްސަލާގައި ވަކިކުރި ފުލުސް މީހާއަށް ދޭންޖެހޭ ބަދަލު ހައި ކޯޓުން ކުޑަކޮށްފި އެވެ.
މެރިން ޕޮލިސްގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރަކު 2018 ވަނަ އަހަރުގެ ކުރީކޮޅު މަސްތުވެގެން ޑިއުޓީގައި ހުރި ކަމަށް ޝައްކުވެގެން ޓެސްޓް ކުރިއިރު އޭނާ ބަނގުރަލަށް ޕޮޒިޓިވްވުމުން ފުލުހުން ވަޒީފާއިން ވަކިކުރި އެވެ. އޭނާއަށް އަލުން ވަޒީފާ ދޭން ނުޖެހުނެއް ކަމަކު, ސިވިލް ކޯޓުން އަންގާފައި އޮތީ އޭނާގެ ހަ މަހުގެ މުސާރައަށް ވާ 126,000ރ. ގެ ބަދަލެއް އޭނާއަށް ދައުލަތުން ދިނުމަށެވެ.
އެއީ އޭނާ ވަކިކުރުމުގައި އިޖްރާއީ އަދުލުވެރިކަން ގާއިމްނުވާތީ ކަމަށް ބުނެ އެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓަށް ގެންދިޔަ އެވެ.
ހައި ކޯޓުން ނިމުނު ހަފުތާގައި ކުރި ހުކުމުގައި ބުނެފައިވަނީ އެ މީހާ ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރި އިޖްރައާތު ގޯސް ކަމަށްވި ނަމަވެސް ސިވިލް ކޯޓުން ނަގައިދިން ބަދަލުގެ މިންވަރު މާ ބޮޑު ކަމަށެވެ. އަދި ކުރިން މިބާވަތުގެ ކަންކަމުގައި ސުޕްރީމް ކޯޓުގެ ނިންމުންތައް ހުރިގޮތަށް ރިއާޔަތް ކުރުމަށްފަހު ހައި ކޯޓުން ނިންމީ އޭނާއަށް ދޭން ޖެހޭނީ އެއް މަހުގެ މުސާރައާ އެއްވަރުގެ ބަދަލުގެ ބަދަލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ