މާލޭގެ ކެމިކަލް ގުދަންތަކުގެ މައްސަލައަށް 2 އަހަރުތެރޭ ހައްލެއް ގެނެސްދޭނަން: ޒަރިޔަންދު

މާލޭ މޭޔަރުކަން ލިބިއްޖެނަމަ، ނުރައްކާތެރިކޮށް މާލޭގައި ހިންގާ ކެމިކަލް ގުދަންތަކުގެ މައްސަލައަށް ދެ އަހަރުތެރޭ ހައްލެއް ގެނެސްދެއްވާނެ ކަމަށް އިސްމާއިލް ޒަރިޔަންދު ރޭ ވިދާޅުވެއްޖެ އެެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޒަރިޔަންދު މިހެން ވިދާޅުވީ، ޕީއެންއެފް އޮފީހުގައި ރޭ އޮތް ޖަލްސާގަ އެވެ. މި ޖަލްސާގައި ޒަރިޔަންދުގެ ސިޔާސަތުތަކާއި ބެހޭގޮތުން ޔާމީން ހިމެނޭހެން، އެ ޖަލްސާގައި ބައިވެރިވި ބައެއް މީހުން އޭނާއާ ސުވާލުކުރި އެވެ.
ބުނީ ކީކޭ؟ - އާންމުންނަށް ނުރައްކާވާގޮތަށް މާލޭގައި ހިންގާ ވޯކްޝޮޕްތަކާއި ކެމިކަލް ގުދަންތަކުގެ މައްސަލަ ހައްލުކުރުމާބެހޭގޮތުން ސުވާލުކުރުމުން ޒަރިޔަންދު ވިދާޅުވީ، މާފަންނު ކޮޅުގައި ވެލްޑިން ފަދަ މަސައްކަތްތައް ވަރަށް ހަނި ގޯޅިތަކުގައި ވެސް ކުރަމުންދާ ކަމަށާއި އެކަން އެގޮތަށް ކުރަނީ އެ ނޫން ގޮތަކަށް އެކެން ކުރެވެން މިވަގުތު ނެތިގެން ކަމަށެވެ.
ޒަރިޔަންދު ވިދާޅުވިގޮތުން:
މިހާރު ދިމާވެގެން މިއުޅޭ މައްސަލައަކީ 2019ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ ތެރޭގައި ކައުންސިލްގެ މައްޗަށް ލާޒިމްކޮށްފައި އޮތް ވަަރަށް މުހިންމު ކަމެއް ދޫކޮށްލާފަ އޮތުން
އެއީ ކައުންސިލް ހުވާކުރާތާ 100 ދުވަސްތެރޭގައި މާލޭގެ ބިންތަކުގެ ރަޖިސްޓްރީ އާންމުކުރަންޖެހޭއިރު އެކަން ނުކޮށް އޮތުން
ބިންތަކުގެ ރަޖިސްޓްރީގައި މާލޭގައި ހުރި ގުދަންތަކުގެ މައުލޫމާތާއި އެތަންތަން ހިންގަމުންދާ ތަންތަނުގެ މައުލޫމާތު ހިމެނިފައި ހުރުން މުހިންމު ކަމަށް ވިދާޅުވި
އެފަދަ ތަންތަން އާންމުންނަށް އެނގޭގޮތަށް އިއުލާންކުރަންޖެހޭޭނެ
 މާލޭގައި މިބާވަގުތުގެ މަސައްކަތްކުރާ ފަރާތްތަކުން ގެއިން ވަރަށް ބޮޑު ޖާގައެއް ގެއްލިގެން ދޭ، އަދި އެއީ ވަރަށް ނުރައްކާތެރި ކަމެއް
"އަޅުގަނޑުގެ މައިގަނޑު ވިސްނުމަކީ މާލޭގައި މިބާވަގުތުގެ މަސައްކަތް، އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މާލޭގައި ހުރި އެކަހަލަ ވޯކްޝޮޕްތައް ބަދަލުކުރެވިގެންދާނެ ކަމަށް. އެކަން ކައުންސިލަށް އަޅުގަނޑު ހުށަހަޅާނަން،" ޒަރިޔަންދު ވިދާޅުވި އެވެ.
މީގެ އިތުރުން، މާލޭގައި ގުދަން ހެދުމާބެހޭގޮތުން ގަވާއިދުތަކަކާއި މާލެ ކައުންސިލުން ތަންފީޒުކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން، 20 ފޫޓުގެ މަގެއްގައި ގުދަނެއް ހަދާނަމަ ހަދަންޖެހޭނީ 6 ފޫޓު އެތެރޭގައި ކަމަށް ޒަރިންދު ވިދާޅުވި އެވެ. އަދި، މާލޭގެ ފިހާރައެއްގެ ތެރޭގައި ގުދަނެއް ހަދާނަމަ އެއީ ގުދަނެއްކަން މާލޭ ކައުންސިލަށް އެނގެންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޒަރިޔަންދުގެ މޭޔަރުކަމެއްގައި އެތަންތަން ކައުންސިލަށް އެނގޭނެގޮތް ހަދަން އިދާރީ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ﷲގެ އިރާދަފުޅުން 4 އެޕްރީލުގެ ފަހުން މާލޭގެ ހުރިހާ ސަރަހައްދުތަކެއްގައި މިގޮތަށް ކުރެވޭ ކަންކަން، ގާނޫނާ ހިލާފަށް ކުރެވެމުންދާ ކަންކަން ވެސް އަދި ފަސޭހައަކަށް ކޮށްދެވެން ހުރި ކަންކަން ވެސް ކައުންސިލަށް ވަގުތުން އެނގޭގޮތަށް އިދާރީ އިންތިޒާމު ބައްޓަންވެގެން އަންނާނީ،" ޒަރިޔަންދު ވިދާޅުވި އެވެ.
އެނގުން މުހިންމު - މާލޭ ކެމިކަލް ގުދަނެއްގައި ރޯވެ، 2019ގައި ހިނގި އަލިފާނުގެ ހާދިސާއަކަށް ފަހު މާލޭގެ ކެމިކަލް ގުދަންތައް ބަދަލުކުރީ ތިލަފުއްޓަށެވެ. ނަމަވެސް އަދިވެސް ގަވައިދާ ހިލާފަށް މާލޭގައި ކެމިކަލް ގުދަންކޮށްފައި ހުންނަ ކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން އިވެ އެވެ. 
މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު، މާލޭގައި ހުރި ގަރާޖުތަކާއި ވޯކްޝޮޕް އަދި ކެމިކަލް ގުދަން ފަދަ ތަންތަން މާލޭގެ އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރާނެ ކަމަށް މާލޭ ކައުންސިލުން އޭރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ