ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފިއެވެ.
ކޮމަންޑޫއަކީ މި ސަރުކާރު އައިފަހުން ޑަޔަލިސިސްގެ ޚިދުމަތް ޤާއިމްކުރި 11 ވަނަ ރަށެވެ.
ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވިއެވެ.
ޑަޔަލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ މަސައްކަތް ކުރާ މިންވަރު ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު ހަށިގަނޑުގައި ދައުރުވާ ލޭ ސާފުކުރުމަށް ދޭ ޚިދުމަތެކެވެ. މި ޚިދުމަތް ހޯދުމަށް ބަލި މީހުން ކޮންމެ ދުވަހަކުވެސް 4 ގަޑިއިރު ހޭދަކުރަން ޖެހެއެވެ.
ޑަޔަލިސިސްގެ ޚިދުމަތް ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ކޮމަންޑޫގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމާއެކު އެރަށުގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ފައިދާ ކުރާނެ ކަމަށެވެ. ވަޒީރު ވިދާޅުވީ، ޑަޔަލިސިސްގެ ޚިދުމަތް ފެށިގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް ކަމަށެވެ. މީގެ އިތުރުން، މިއީ މި ޚިދުމަތް ހޯދަން ދިގު ދަތުރުތައް ކުރުން ނިމުމަކަށް އަންނާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ކޮމަންޑޫގައި ޤާއިމްކޮށްފައިވާ ޑަޔަލިސިސް ސެންޓަރުން އެއްފަހަރާއި 2 މީހުންނަށް ފަރުވާ ދެވޭނެއެވެ. މިތަނުގައި އައިސޮލޭޝަން ރޫމެއްވެސް ޤާއިމްކޮށްފައިވެއެވެ. ސަރުކާރުގެ އަމާޒަކީ، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމެވެ.
މާލެއާ އެއްގޮތަށް ރާއްޖޭގެ އެހެން ސަރަޙައްދުތަކަށްވެސް ޞިއްޙީ ޚިދުމަތްތައް އެއްހަމައެއްގައި ފޯރުކޮށްދިނުމަކީ، ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ސަރުކާރުން ދަނީ، މާލެ ސަރަހައްދުން ލިބޭ ޚިދުމަތްތައް އަތޮޅުތަކުންވެސް ލިބޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ.
އައު ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކާއެކު ޞިއްޙީ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއްކަން ކަށަވަރު ކުރުމަށްޓަކައި މި ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް މި ސަރުކާރުން ދަނީ ގެންނަމުންނެވެ. އެގޮތުން ހެޔޮ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އާސަންދައަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އަދި މި ދާއިރާއިން ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައްވެސް މި ސަރުކާރުން ދަނީ ގެންނަމުންނެވެ.
ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑައިލަސިސްގެ ޚިދުމަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ