ފެހި ގާނޫނުއަސާސީ ވުޖޫދުކުރުމަށް ފަހު އެ ގާނޫނުއަސާސީއަށް ގެނެވޭ އެންމެ ބޮޑު އިސްލާހަށް އަންނަ ހޮނިހިރު ދުވަހު ވޯޓަށް އަހާނެ އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ހުށަހަޅަނީ ރައީސް މުހައްމަދު މުއިއްޒު ބޭނުންވެގެންނެވެ. މި ބަދަލަށް ރައްޔިތުންގެ ތާއިދު ލިބިއްޖެނަމަ ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ އުމުރުން ގާތްގަނޑަކަށް ހަ މަސްދުވަސް އުނިވާނެ އެވެ.
"މިއީކީ ގާނޫނުއަސާސީއަށް ބަދަލެއް ގެނެސްގެން ރައްޔިތުން ހެވާ ލާބައެއްގެ ކަމަކަށް ވުރެ ބޮޑަށް ސިޔާސީ ބާރުވެރިކަމުގެ ވާދައެއް، އޭގެ ތެރޭގައި ތާށި މިވަނީ ރައްޔިތުން."
މިއީ އަންނަ އެޕްރީލް ހަތަރުވަނަ ދުވަހު ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓާ މެދު ގާނޫނުއަސާސީގެ ދެލިކޮޕީ އެކުލަވާލި ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް (އިބްރާ) ދެކެވަޑައިގަންނަވާ ގޮތެވެ. އެ ވޯޓުގައި ނޫނެކޭ ބުނުމަށް ގޮވާލައި ހިންގާ "ނުފެނޭ" ޕޭޖުން ވަނީ އިބްރާގެ އިންޓަވިއުއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ.
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"
މި ސުވާލުގެ ގާނޫނީ ސައްހަކަމާ މެދު ސުޕްރީމް ކޯޓުގައި ވެސް މައްސަލައެއް މިހާރު ކުރިއަށްދާއިރު އިބްރާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ސުވާލު އޮތީ ރަނގަޅަކަށް ނޫނެވެ. މިވަގުތު އެ ސުވާލު އޮތީ ދުނިޔޭގެ އެއްވެސް ތަނެއްގައި ފެންނަ ނުފެންނަ ވޯޓު ނަގާ ގޮތަކަށް ނޫން ކަމަށް އިބްރާ ވިދާޅުވި އެވެ.
"އަހަރުމެން ވޯޓުލާން ދާ ދުވަހު އަހަރުމެން އަތުގައި ނޯވޭ ފެންނާކަށް އަހަރުމެން ވޯޓުލާ ގޮތުން ގާނޫނުއަސާސީއަށް އަންނާނީ ކޮން ބަދަލެއް ކަމެއް. އަހަރުމެން މި ޖެހެނީ ވެބްސައިޓަކުން ބަލައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުގައި ހުރި ހުރިހާ މާއްދާތަކާއި، އެ އަކުރުތަކާއި، ބޮޑު ގާނޫނީ ދިރާސާއެއް އަމިއްލައަށް ކޮށްގެން ވޯޓުލާން،" އިބްރާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވޯޓު ކަރުދާސްކޮޅުގައި ހިމަނާ ސުވާލުގައި އެ ތަފްސީލުތަކެއް ނެތެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ރެފަރެންޑަމްގައި އަހަނީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ވިދާޅުވެފަ އެވެ.
"ސުވާލުގައި އޮންނަން ޖެހޭނީ ގާނޫނުއަސާސީގެ މިވެނި މާއްދާއެއް މިވެނި ގޮތަކަށް ބަދަލުކުރަން ފެނޭ ހެއްޔޭ. އެ އިބާރާތް ވެސް އޮންނާން ވާނެ. އެއާ ބެހޭ ގޮތުން ޖެހޭނެ ވަރަށް ބޮޑެތި ބަހުސް ކުރެވެން،" އިބްރާ ވިދާޅުވި އެވެ.
އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކުރި ބިލެއްގެ މައްޗަށް ނަގާ މި ވޯޓާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް އެ ޒިންމާ އޮތް ފަރާތްތަކުން ކުރަމުން ނުދެ އެވެ. އެ ކަންބޮޑުވުން އިބްރާގެ ވެސް އެބައޮތެވެ. އޭނާ ވިދާޅުވާ ގޮތުގައި 2004 ވަނަ އަހަރު ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ފެށީ ވަރަށް ގިނަ މަޝްވަރާތަކެއް ކުރުމަށް ފުރުސަތު ދެމުންނެވެ.
މި ދެ އިންތިހާބު ބާއްވާނެ ތާރީހަކާ ގުޅޭގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސްތަކެއް ކުރެވުނުއިރު އިބްރާ ހުށަހެޅުއްވި އިސްލާހެއްގައި ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ހުށަހެޅުނު ކަމަށް މިހާރު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އޮތީ ވިދާޅުވެފަ އެވެ.
އެ ވާހަކަތަކަށް ވެސް އިބްރާ ރައްދު ދެއްވި އެވެ. އެ އިސްލާހު ހުށަހެޅި ކަމަށާއި ނަމަވެސް އެއީ ގާނޫނުއަސާސީގެ ބާބެއްގެ ބަދަލުގައި އިންތިގާލީ ބާބަށް ހުށަހެޅި އިސްލާހެއް ކަމަށް އޭނާ ވިދާޅުވި އެވެ. އިންތިގާލީ ބާބެއް ހިމަނަން ޖެހުނު ސަބަބު ވެސް ވަރަށް ތަފްސީލުކޮށް އިބްރާ ސާފުކޮށްދެއްވި އެވެ.
"ގައުމު ހުއްޓުމަކަށް ނުގެނެވޭނެއެއްނު ގާނޫނުއަސާސީ ބަދަލުވިޔަކަސް. އެހެންވީމާ އަަހަރުމެންނަށް ކުރަން ޖެހުނު ކަމަކީ މި ގާނޫނުއަސާސީއާ އެއްގޮތަށް ދައުލަތް ހިނގަން ފަށަން ދެން ކަންތައްތައް ކުރާނީ ކިހިނެއްތޯ ވެސް ކަނޑައެޅުން، އެއަަށް މިކީ އިންތިގާލީ މަރުހަލާ،" އިބްރާ ވިދާޅުވި އެވެ.
ދެލިކޮޕީ ލިޔުނު ކޮމިޓީއިން އިންތިގާލީ ބާބު މަޖިިލިސް ތަޅުމަށް ފޮނުވިއިރު އޭގެއިން ކޮންމެ މާއްދާއަކަށް އޭރު ވެރިކަމުގައި އޮތް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން އިސްލާހުތަކެއް ހުށަހެޅި އެވެ. އިންތިހާބުތައް ބޭއްވުމާ ގުޅޭ މާއްދާއަށް އިސްލާހު ހުށަހަޅަން މަޖުބޫރުވީ އެހެންވެގެން ކަމަށް އިބްރާ ވިދާޅުވި އެވެ. އެ އިސްލާހު ފާސްނުވުމުގެ ސަބަބުން ސަތާރަވަނަ މަޖިލިސް ފެހި ގާނޫނުއަސާސީ ތަސައްވުރުކުރި ފަދަ މަޖިލީހަކަށް ވެފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ތާއިދު ލިބުނަސް އެގޮތަށް ކަންކަން ނުވެހިނގައިދާނެ ހާލަތްތަކެއް މެދުވެރިވެދާނެ ކަމަށް އިބްރާ ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އިސްތިއުފާ ދެއްވުން ނުވަތަ އަވަހާރަވެއްޖެ ހާލަތެއްގައި ވެސް 60 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ކަންތައްތަކަކީ ވަކިން ހިނގާ ކަމެއް. މަޖިލީހުގެ ކަންތައްތަކަކީ ވަކިން ހިނގާ ކަމެއް. މުޅިން ވަކިކުރެވިފައި އޮތް ދެ ބާރު، ދެ މަގުސަދެއް، ދެ ފަންކްޝަނެއް އަދާކުރާ ދެ ތަނެއް. އެކަތި އަނެކައްޗާ ސިންކުވާކަން ނުޖެހޭ،" އިބްރާ ތަފްސީލުކޮށްދެއްވި އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބަދަލެއް ގެނެވޭނެ ފަދަ އިންތިގާލީ ހާލަތެއް މިވަގުތު ނެތް ކަމަށް އިބްރާ ވިދާޅުވި އެވެ. ދައުލަތުގެ ދެ ބާރެއްގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވޭނެ ކަމަށް އިބްރާ ދެކެވަޑައިނުގަންނަވަ އެވެ.
"އަހަރުމެން ބުނެފައި ހުންނާނީ އެގޮތަށް ބާއްވާ އިރުގައި މަޖިލީހުގެ ދެބައިކުޅަ އެއްބައޭ އިންތިހާބުކުރާނީ ރައީސުލްޖުމްހޫރިއްޔާ އާއެކު، އަނެއް ބައި އިންތިހާބު ކުރާނީ ދެ އަހަރު ބައި ފަހުންނޭ. އޭރުން އަބަދުވެސް އިންނާނީ ކޮންމެ ދެ އަހަރު ބައިން، ދެ އަހަރު ބައިން ރައްޔިތުންނަށް ފުރުސަތު ލިބޭނެ މަޖިލީހަށް ބަދަލު ގެންނަން،" ގާނޫނުއަސާސީ ޑްރާފްޓު ކުރިއިރު މަޝްވަރާކުރެވުނު ގޮތް ބަޔާންކޮށްދެއްވަމުން އިބްރާ ވިދާޅުވި އެވެ.
އެގޮތަށް އިންތިހާބީ ސައިކަލް ފަރުމާކޮށްފައި އޮތްނަމަ މަޖިލީހުގެ ސުޕަމެޖޯރިޓީއެއް މިހާރު ވެރިކަމުގައި އޮތް ޕާޓީއަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެމެރިކާގައި އޮންނަނީ މިފަދަ އިންތިހާބުތަކެއް ކަމަށްވާއިރު މިއަހަރު ބާއްވާ މިޑްޓާމްސްގައި ރައީސް ޑޮނާލްޑް ޓްރަމްޕަށް ގާނޫނުހަދާ މަޖިލިސް ގެއްލޭނެ ކަމަށް ވެސް އިބްރާ ދެކެވަޑައިގަންނަވަ އެވެ.
"ނުރުހޭ ގޮތަކަށް ބައިވަރު ކަންތައްތައް ދާން ފެށީމައި ފަސް އަހަރު ހަމަނުވިޔަސް ގާނޫނީ ހަމަތަކުގެ މަތިން ބަދަލު ގެނައުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތު އެއީ. މިހާރު މިވާން އުޅޭ ގޮތަކީ ފަސް އަހަރަށް ލޮކުވާން އެ އުޅެނީ. އެ ދުވަހުގެ ހާލަތަށް ބަލާފައި ވޯޓުލާނީ ދެން ފަސް އަހަރު ވަންދެން ބޭނުން ގޮތެއް ހަދަންވީ، އެއްވެސް ބަދަލެއް ގެނެވޭކަށް ނެތް،" ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ނަތީޖާ ކިޔައިދެއްވަމުން އިބްރާ ވިދާޅުވި އެވެ.
ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮތް ނަމަވެސް އެ ބާރު ދީފައިވަނީ އެހެން ސަބަބުތަކެއް މެދުވެރިކޮށްފައި ކަމަށް އިބްރާ ވިދާޅުވި އެވެ. އެފަދަ މަޖިލީހެއް ވާން ޖެހޭނީ ފުރިހަމަ މިނިވަންކަމާއެކު ގޮތް ނިންމޭނެ ތަނަކަށް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް، މިއަދު ރާއްޖޭގައި އެފަދަ މަޖިލީހެއް ނެތް ކަމަށް އިބްރާ ވިދާޅުވި އެވެ.
"މިހާރު އޮތް މަޖިީހަކީ ގާނޫނުއަސާސީ ބުނާ ފަދަ މަޖިލީހެއްތޯ ސުޕްރީމް ކޯޓުން އެބައޮތޭ ސުވާލު އުފައްދާފައި. އެ ހާލަތުގައި މިހާރު އޮތް މަޖިލީހަށް ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ގެނެވޭނެތޯ ނޫންތޯ؟،" އިބްރާ ވިދާޅުވި އެވެ.
އޭނާ އެ ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާމުގެ ބާރު ސިޔާސީ ޕާޓިތަކަށް ދިނުމަށް ގެނައި ބަދަލުގެ ވާހަކަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވައި ބެންޗުގެ ހަތަރު ފަނޑިޔާރަކު ވަނީ ބަދަލުކޮށްފަ އެވެ. މިހާރު ބެންޗުގެ މެޖޯރިޓީގައި ތިއްބެވީ މުއިއްޒުގެ ސަރުކާރުން އައްޔަނުކޮށްފައިވާ ފަނޑިޔާރުންނެވެ.
"އަހަރެން ގަބޫލެއް ނުކުރަން ސުޕްރީމް ކޯޓުން އެ މައްސަލައަށް ގޮތެއް ނުނިންމަވަނީސް ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ގެނެސްގެން އެއީ ސައްހަ އެއްޗަކަށް ވާނެ ކަމަށް،" އެ ބަދަލާއެކު މުޅި ގާނޫނުއަސާސީ ރޫޅެމުންދާ ކަމަށް އިބްރާ ވިދާޅުވި އެވެ.
(ހ) ގާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރުމުންނެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވިޔަސް މި ގާނޫނުއަސާސީގެ އަންނަނިވި މާއްދާތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާންވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ. އެ އިސްލާހެއް ގެނައުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލްވީ އެވެ.
އެ މާއްދާގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ބަޔާންކުރަނީ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ މާއްދާތަކާ ގުޅޭ ބިލުތަކާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރާއި، ރިޔާސީ ދައުރާއި، ރާއްޖޭގެ ސަރަހައްދު އަދި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރުމާ ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކެވެ.
ރައްޔިތުންގެ މަޖިލީހުގެ އުމުރަށް މި ފެންނަ ނުފެންނަ ވޯޓާއެކު ވެސް ބަދަލެއް ނާންނާނެ ކަމަށް އިބްރާ ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ބުނަނީ މަޖިލީހުގެ އުމުރަކީ މަޖިލިސް އިންތިހާބު ކުރުމަށް ފަހު ފުރަތަމަ ޖަލްސާ ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށެވެ.
"އެ މާއްދާއަށް ބަދަލެއް ގެންނަންޏާ އެބަޖެހެއްއްނު އުމުރު ބަދަލުވާން. ފަސް އަހަރު މި އަހަރު އޮތް އެއްޗެއް އެބަޖެހޭ އެއަށްވުރެ ކުރުވާން ނޫނީ އެއަށްވުރެ ދިގުވާން. މަޖިލީހން ފާސްކޮށްފައި އޮތް ބިލުގައި އޮތީ އުމުރު ބަދަލުކޮށްފައެއް ނޫނޭ، އިންތިހާބު ބާއްވާ ތާރީހެއްގެ ވާހަކަ، އެ ބުނާ ތާރީހެއްގައި ބޭއްވިޔަސް އަދިވެސް އުމުރަކީ ފަސް އަހަރު،" އިބްރާ ވިދާޅުވި އެވެ.
ބިލުގައި ބުނާ ގޮތަށް އިންތިހާބު ބޭއްވުމުގެ ތާރީހުތައް ކަނޑައެޅޭނީ އިންތިގާލީ ހާލަތެއްގައި ކަމަށް އިބްރާ ވިދާޅުވި އެވެ. ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް މައުލޫމާތު ނުދީ މި ބަދަލު ގެނެސްފިނަމަ ކުރިއަށް އޮތް ތަނުގައި މާ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އިބްރާ ވިދާޅުވި އެވެ.
"ދެން އޭތި ބަދަލުކުރަން އަންނައިރު އަންނާނީ ބޮޑު ޒަލްޒަލާއެއް. އެއީ ނޭނގި ތިބެއް ކަމެއް ކޮށްފައި އެ ބަދަލުކުރަން ހިފާއިރު އަނެއް ބަޔަކު ދޫނުކުރަން ހިފާނެ. ދެން ހަމަ ރައީސް މައުމޫންގެ [ވެރިކަމުގައި] އޭރު 2004 އިން 2008 އަށް ދިޔަ ކަހަލަ ބޮޑު ޒަލްޒަލާއެއް ގައުމު ތެރޭ ހިނގައިދާނީ، އެއީ އަހަރުމެން އެއްވެސް މީހަކު ބޭނުން ކަމެއް ނޫނެއްނު،" އިބްރާ ވިދާޅުވި އެވެ.
މި ބަދަލު ގެނެސްފިނަމަ ރައްޔިތުންގެ މަޖިލީހުގެ ބާރު އެއްކޮށް ކެނޑިގެން ދިޔުމުގެ ފުރުސަތު އޮތްކަމަށް އިބްރާ ވިދާޅުވި އެވެ. އެއީ މަޖިލިސް ހޯދުމުގެ ފުރުސަތު ސަރުކާރަށް ބޮޑުވާތީ އެވެ.
"އެއްވެސް ސަރުކާރަކަށް މަޖިލީހުގެ ކޮންޓްރޯލް ކުރަން ލިބުމަކީ ރައްޔިތުންނަށް އޭގެ ރަނގަޅެއް އޮތް ކަމެއް ނޫން. މަޖިލިސް އޮންނަން ޖެހެނީ ވަކިން. މިހެން ވެއްޖިއްޔާ އަންނާނީ އަބަދުވެސް އަންނަ އެއްޗެއް އެކުއެކީ."
ރައްޔިތުންނަށް ބަސް ބުނަން އޮންނަ ފުރުސަތެއް ފައިސާ ސަލާމަތް ކުރުމުގެ ނަމުގައި ނަގާލުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އިބްރާ ވިދާޅުވި އެވެ. "ޑިމޮކްރަސީއަކީ އަގެއް ދައްކަން ޖެހޭ އެއްޗެއް" ކަމަށް އިބްރާ ވިދާޅުވި އެވެ.
ރެފަރެންޑަމާ މެދު އިބްރާގެ ބަސް: "ރައްޔިތުންނަށް ވާ ފައިދާއެއް ނެތް، މިއީ އާނއެކޭ ބުނަންވާ ވަރުގެ ކަމެއް ނޫން" ރެފަރެންޑަމާ މެދު އިބްރާގެ ބަސް: "ރައްޔިތުންނަށް ވާ ފައިދާއެއް ނެތް، މިއީ އާނއެކޭ ބުނަންވާ ވަރުގެ ކަމެއް ނޫން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ