ބިންވެރިޔާ ސްކީމާއި ކުރީގެ އެކި ސަރުކާރުތަކުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް، އެ ގޯތި ދޫކޮށްލުމަށްފަހު މި ސަރުކާރުގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މި ބަދަލަކީ ރައްޔިތުންނާ އެކު ބޭއްވި އެކި ބައްދަލުވުންތަކުގައި، ގިނަ ބަޔަކު އެދެމުންދާ ކަމަކަށްވާތީ، ރައްޔިތުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ސިޔާސަތަށް ގެނައި ބަދަލެއް ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ހުޅުމާލެ، ގުޅިފަޅު، އަދި ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރޭގައިވެސް، އަމިއްލައަށް ގެދޮރު ބިނާކުރުމުގެ މާލީ ތަނަވަސްކަން ނެތް ނިކަމެތި އާއިލާތައް އެބަތިއްބެވެ.
އަދި އަލަށް ހިއްކާ ސަރަޙައްދުތައް ތަރައްޤީވެ، އެތަންތަނުގައި ގެދޮރު އެޅުމަށް ގިނަ ދުވަސްތަކެއް ނަގާނެތީ، އަވަސް ބޯހިޔާވަހިކަމެއް ބޭނުންވާ ފަރާތްތަކަށް މި ނިންމުމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިފުރުސަތުގެ ދަށުން، ކުރިން ލިބިފައިވާ ގޯތި ދޫކޮށްލާ އުސޫލުން ފްލެޓަށް ކުރިމަތިލުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި ޖޮއިންޓްކޮށް (ބައިވެރިވެގެން) ގޯތި ލިބިފައިވާ މީހުންވެސް، އެންމެން އެއްބަސްވެ ގޯތި ދޫކޮށްލާނަމަ، ވަކިވަކިން ފްލެޓަށް ހުށަހެޅުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިކަމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް މިހާރު ކުރިއަށްދާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕޯޓަލްގެ ތެރެއަށް މި ސްކީމް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް 2 ނުވަތަ 3 ހަފުތާގެ ތެރޭގައި ރަސްމީކޮށް މި ފުރުޞަތު ހުޅުވާލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގޯތި ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ