ހައި އެޗީވާސް ސްކޯލާޝިޕް ދެން ލިބޭނީ ދިވެހި ނުވަތަ އިސްލާމުން 'އޭ ސްޓާ' ހޯދުމުން

މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޯލާޝިޕް ދެން ލިބޭނީ އޭލެވެލްއިން މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' ހޯދުމުން ކަމަށް، ކަމާ ގުޅޭ އުސޫލުގައި ކަނޑައަޅައިފިއެވެ. ހައި އެޗީވާސް ސްކޯލާޝިޕް ތައާރަފުކުރި ފަހުން މިހާތަނަށް އެ ސްކޯލާޝިޕް ދެމުން އައީ މަތީ ސާނަވީ އިމްތިހާނުތަކުން ފަސް މާއްދާއިން 'އޭ' ހޯދާ ދަރިވަރުންނަށެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އުސޫލަށް ބަދަލު ގެނެސް ދަންވަރު ދޭއް ޖަހަނިކޮށް އާންމުކުރި އުސޫލުގައިވާ ގޮތުން، ހައި އެޗީވާސް ސްކޯލާޝިޕް ދެން ލިބޭނީ އޭލެވެލް، ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ތިން މާއްދާއިން އޭ އާއި، އެޗްއެސްސީ އިސްލާމާއި ދިވެހީގެ ތެރެއިން އެއް މާއްދާއިން 'އޭ ސްޓާ' ހޯދައި، ހަތަރު މާއްދާއިން 'އޭ' ފާސް ލިބުމުންނެވެ. ޢަރަބިއްޔާ ސްކޫލުގައި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންނަށް ކުރިން އޮންނަނީ، ޝަހާދާ ސާނަވިއްޔާގައި އެ ދަރިވަރަކު ކިޔެވި ސްޓްރީމްގެ ހުރިހާ މާއްދާއަކުން 'އޭ' ފާސް ހޯދުމުން، ހައި އެޗީވާސް ސްކޯލާޝިޕް ލިބޭ ގޮތަށެވެ. އެކަމަކު އުސޫލަށް އައި ބަދަލާއެކު، ހައި އެޗީވާސް ސްކޯލާޝިޕް ބޭނުންނަަމަ، ޢަރަބިއްޔާ ސްކޫލުގައި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުން ޝަހާދާ ސާނަވިއްޔާ، ނުވަތަ ގްރޭޑު 11 އާއި 12ގައި އެ ދަރިވަރަކު ކިޔެވި ސްޓްރީމްގައި ކޮންމެހެން ކިޔަވަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފައިވާ މާއްދާތަކާއި، އެޗްއެސްސީ ދިވެހި ހިމެނޭހެން، އެ ތަނުން އެއް މާއްދާއިން 'އޭ ސްޓާ' ހޯދައި، ދެން ހުރި މާއްދާތަކުން 'އޭ' ފާސް ހޯދަން ޖެހޭނެއެވެ. ރައީސް ދެއްވާ ސްކޯލާޝިޕް ލިބޭނީ އޭލެވެލް އިމްތިހާނުގައި، އެޗްއެސްސީ ދިވެއްސާއި އިސްލާމް ހިމެނޭހެން، ފަސް މާއްދާއިން އޭ ސްޓާ ހޯދައި، އޯ ލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީއަށް ވުރެ މަތީ ފާހެއް ހޯދުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ