އެމެރިކާގެ ޕްރެޝަރާއެކުވެސް ޗައިނާގެ އެކްސްޕޯޓަށް 20 ޕަސެންޓްގެ ބޮޑު ކުރިއެރުމެއް!
އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި، މި އަހަރުގެ ފުރަތަމަ ދެ މަހު ޗައިނާގެ އެކްސްޕޯޓްތައް 20 ޕަސެންޓަށްވުރެ މައްޗަށް އަރައިފިއެވެ. ޗައިނާއިން އާންމުކޮށް ޖަނަވަރީ އަދި ފެބްރުއަރީ މަހުގެ ހިސާބުތައް އެއްކޮށްލަނީ، ލޫނާ ނިއު އިޔާ ބަންދާ ގުޅިގެން އަންނަ ބަދަލުތައް ހަމަކުރުމަށެވެ. ރަސްމީ ހިސާބުތައް ދައްކާގޮތުން ލިބުނު މި ކުރިއެރުމަކީ އިޤްތިޞާދީ މާހިރުން ލަފާކުރި ވަރަށްވުރެ ތިން ގުނަ ބޮޑު ކުރިއެރުމެކެވެ. މި ނަތީޖާއާއެކު، 2025 ވަނަ އަހަރު ޗައިނާއިން ހެދި ވިޔަފާރީގެ ރެކޯޑްތައް މި އަހަރު މުގުރާލާނެކަމަށް ވަނީ ބެލެވިފައެވެ. https://www.sun.mv/210458 މި ކުރިއެރުން ހޯދާފައިވަނީ އިލެކްޓްރޯނިކްސް، ދަނޑުވެރިކަމުގެ ބާވަތްތައް އަދި އުފެއްދުންތެރިކަމުގެ މުދަލަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެންނެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކާއެކު ކުރި ވިޔަފާރި 27.8 ޕަސެންޓް ކުރިއަރާފައިވާއިރު، އާޝިއާން ގައުމުތަކަށް ކުރި އެކްސްޕޯޓް ވަނީ ގާތްގަނޑަކަށް 30 ޕަސެންޓް އިތުރުވެފައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކާއި ޓެރިފްތަކުގެ ސަބަބުން އެމެރިކާއަށް ކުރި އެކްސްޕޯޓް ވަނީ 10 ޕަސެންޓަށްވުރެ ދަށަށް ގޮސްފައެވެ. ޗައިނާގެ އެކްސްޕޯޓްގެ ހިސާބުތައް އާންމުކޮށްފައި މި ވަނީ، އަންނަ އޭޕްރީލް މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޓްރަމްޕް ޗައިނާއަށް ޒިޔާރަތްކުރައްވައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވަން ހަމަޖެހިފައިވަނިކޮށެވެ. https://www.sun.mv/212546 މި ބައްދަލުވުން ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. އާބާދީ ދަށްވުމާއި ޕްރޮޕަޓީ މާކެޓްގެ މައްސަލަތަކާ ހުރެ ޗައިނާގެ އެތެރޭގެ ވިޔަފާރި ދަށްވެފައިވާތީ، އެ ގައުމުގެ އިޤްތިޞާދު މިހާރު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އެކްސްޕޯޓުގެ މައްޗަށެވެ. އެގޮތުން ޗައިނާއިން ވަނީ މި އަހަރުގެ އިޤްތިޞާދީ ކުރިއެރުން 4.5 އާއި ފަސް ޕަސެންޓާ ދެމެދުގެ މިންވަރެއްގައި ހިފެހެއްޓުމަށް އަމާޒު ހިފާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ