ސިއްހީ އެހީއަށް އެދި ސްކޭމް ޕޯސްޓުތައް ގިނަވާތީ ސަމާލުވާން އެދިއްޖެ

ބަލިމީހުންގެ ނަމުގައި މެޑިކަލް ސްކޭމުތައް ހިންގުން އިތުރުވެފައިވާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެންޓި-ސްކޭމް ސެންޓަރުން ބުނީ ފޭސްބުކްގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން ސިއްހީ ކަންކަމަށް އެހީ ހޯދަން އެދި ކުރާ ޕޯސްޓުތައް މި ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށެވެ.
ތަފްސީލް - ނަމަވެސް މީގެ ތެރެއިން ގިނަ ޕޯސްޓުތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދަން ހިންގާ ސްކޭމުތައް ކަމަށް އެ ސެންޓަރުން ބުންޏެވެ.
ސްކޭމަރުން ފައިސާ ހޯދަން ގެންގުޅޭ އުކުޅުތައް ވެސް އެ ސެންޓަރުން ފާހަގަކޮށްދިނެވެ. އެގޮތުން:
ފޮޓޯ ވަގަށް ނެގުން - އިންޓަނެޓުންނާއި ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ނަގައިގެން ބޭނުންކުރޭ
އިހުސާސްތަކާ ކުޅެލުން - ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދާ
ފޯނު ކޯލް ބްލޮކްކުރުން - ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނެގުން ނަމަވެސް މެސެޖަށް ޖަވާބު ނުދޭ
ސްކޭމަރުންގެ ކިބައިން ރައްކާތެރިވުމަށް އިލްތިމާސްކޮށް އެކަން ކުރާނެ ގޮތް ވެސް އެންޓި-ސްކޭމް ސެންޓަރުން ވަނީ ކިޔައިދީފަ އެވެ.
އެގޮތުން ފައިސާ ފޮނުވުމުގެ ކުރިން، ޕޯސްޓުގައި އޮންނަ ނަންބަރަށް ގުޅައިގެން ވާހަކަ ދެއްކުމަކީ މުހިއްމު ކަމެކެވެ.
މީގެ އިތުރުން، ޕޯސްޓުގައި ބޭނުންކޮށްފައި އޮންނަ ފޮޓޯއަކޯއި ސައްހަ ފޮޓޯއެއްތޯ ޔަގީންކުރުމަށް ގޫގުލް ރިވާސް އިމޭޖު ސާޗު ބޭނުންކޮށް ރިސާޗު ކުރެވިދާނެ އެވެ. މީގެ އިތުރުން، މެޑިކަލް ކަންތަކުގައި އެހީއަށް އެދި ފޭސްބުކްގައި ހުންނަ ޕޯސްޓުތަކުގެ ސައްހަކަން ކަށަވަރުކޮށްފައި ނޫނީ އެފަދަ ޕޯސްޓުތައް ޝެއާ ނުކުރުމަށް ވެސް އެ ސެންޓަރުން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ