ތެލުގެ އަގު އުފުލުން: ޕާކިސްތާނުން ވަޒީރުންގެ ދެ މަހުގެ މުސާރަ އުނިކޮށް، އެމްޕީންގެ މުސާރައިން 25 ޕަސެންޓް ކަނޑަނީ

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާތީ ޕާކިސްތާނުން ޚަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، މިނިސްޓަރުންގެ މުސާރަ ދެ މަހަށް ކަނޑާލައި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މުސާރައިން 25 ޕަސެންޓް ކަނޑަން ނިންމައިފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އިއްޔެ ވަނީ، ހަނގުރާމައިގެ ސަބަބުން ތެލަށް ކުރާ ޚަރަދާއި އެހެން ޚަރަދުތައް ކުޑަ ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން 14 ފިޔަވަޅެއް އަޅަން ބޮޑުވަޒީރު އިއުލާންކުރެއްވިއެވެ. ޝަރީފް ވިދާޅުވީ މައި ސަރުކާރާއި ޕްރޮވިންޝަލް ސަރުކާރުން ވެސް، ހަކަތައާއި ޚަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަން ނިންމައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި، މައި ސަރުކާރުގެ ކެބިނެޓާއި އެޑްވައިޒަރުންނާއި ސްޕެޝަލް އެސިސްޓެންޓުންނަށް ދެ މަސް ދުވަހަށް މުސާރަ ކަނޑާލުން ހިމެނެއެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މުސާރައިން 25 ޕަސެންޓް ކަނޑާލުން ހިމެނެއެވެ. ހަމައެއާއެކު ސަރުކާރުގެ ހުރިހާ ޑިޕާޓްމެންޓަކުން ވެސް ޚަރަދުތައް 20 ޕަސެންޓް ދަށްކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން 300،000 ޕާކިސްތާން ރުޕީސް (16,570.39 ރުފިޔާ)އަށް ވުރެ ބޮޑު މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރައިން ދެ ދުވަހަށްވާ މުސާރަ ކަނޑާނެ ކަމަށް ސަރުކާރުން އިއުލާންކުރިއެވެ. ޕާކިސްތާނުގައި ސައިކަލުތަކަށް ތެޔޮ އަޅަނީ -- ފޮޓޯ/ އޭޕީ މީގެ އިތުރުން، ކޮންމެހެން ބޭނުންވެގެން ނޫނީ، މިނިސްޓަރުންނާއި އެޑްވައިޒަރުންނާއި ސްޕެޝަލް އެސިސްޓެންޓުންނާއި ސަރުކާރު އޮފިޝަލުން ގައުމުން ބޭރަށް ދަތުރުކޮށްގެން ނުވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު، ޒަރޫރީ ޚިދުމަތްތައް ފިޔަވައި، ސަރުކާރާއި ޕްރައިވެޓް ސެކްޓާގެ 50 ޕަސެންޓް މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި ސަރުކާރުގެ އޮފީސްތައް ހުޅުވައިފައި ހުންނަނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެ ގައުމުން ވަނީ، މި ހަފުތާއަށް ފަހު، ދެ ހަފުތާ ވަންދެން ހުރިހާ ސްކޫލެއް ވެސް ބަންދުކުރަން ވެސް ނިންމައިފައެވެ. އެމެރިކާއާއި އިސްރާއީލުން މިދިޔަ މަހުގެ 28ގައި ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވެސް އަންނަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި އީރާނުން ވަނީ، އެ ގައުމުގެ ކައިރީ އޮންނަ، ހޮރްމުޒް ކަނޑުއޮޅިން ކުރެވޭ ދަތުރުތައް ކޮންޓްރޯލްކޮށްފައެވެ. އޭގެ ސަބަބުން ތެލުގެ އަގުތައް ދަނީ އުފުލެމުންނެވެ. https://sun.mv/218969 ތެޔޮ ފީފާއެއްގެ އަގު އިއްޔެ ވަނީ 119 ޑޮލަރަށް އުުފުލިފައެވެ. އެއީ 2022 ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށިފަހުން ތެލުގެ އަގު އެހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް، އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތައް ވަރަށް އަވަހަށް ނިމޭނެ ކަމަށާއި ތެލުގެ އަގު ދަށްވާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެން ތެލުގެ އަގު 10 ޕަސަންޓް ދަށްވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ