އެފްއޭ ކަޕްގެ ކުއާޓާގައި ސިޓީއާއި ލިވަޕޫލުގެ ކުރިމަތިލުމެއް
އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގެ ގުރުއަތުލުން ބޭއްވިއިރު، އެންމެ ފޯރިގަދަ މެޗެއްގެ ގޮތުގައި ފެނިގެންދާނީ ސިޓީ އާއި ލިވަޕޫލްގެ ކުރިމަތިލުމެވެ. އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގެ ގުރުއަތުލުން ހޯމަ ދުވަހު ބާއްވައިފިއެވެ. މި ގުރުއަތުލުމުން ދައްކާގޮތުގައި މުބާރާތުގެ އެންމެ ވަރުގަދަ އަދި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާނެ މެޗަކަށް ވާނީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗެވެ. ހަތަރު ތަށި ހޯދުމުގެ އަމާޒުގައި އޮތް އާސެނަލް ނުކުންނާނީ ސައުތެމްޓަންއާ ދެކޮޅަށެވެ. ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ މެންޗެސްޓާ ސިޓީން ވަނީ މި ސީޒަނުގައި މިހާތަނަށް ދެ ފަހަރެއްގެ މަތިން ލިވަޕޫލް ބަލިކޮށްފައެވެ. އެއީ ނޮވެމްބަރު މަހު މެންޗެސްޓާގައި 3-0 އިން އަދި ފެބްރުއަރީ މަހު އެންފީލްޑްގައި 2-1 އިންނެވެ. ނަމަވެސް އެފްއޭ ކަޕްގައި މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރި މެޗު 2022 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ކާމިޔާބުކުރީ 3-2 އިން ލިވަޕޫލެވެ. މުބާރާތުގެ ފަސްވަނަ ބުރުގައި ސިޓީން ނިއުކާސަލް 3-1 އިން ބަލިކުރިއިރު، ލިވަޕޫލުން ވަނީ ވުލްވްސްގެ މައްޗަށް 3-1 އިން ކުރިހޯދާފައެވެ. މީގެކުރިން އަށް ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައިވާ ލިވަޕޫލުން އެންމެ ފަހުން މި މުބާރާތުގެ ތަށި އުފުލާލީ މީގެ ހަތަރު އަހަރު ކުރިންނެވެ. ހަތް ފަހަރު މުބާރާތް ކާމިޔާބުކުރި ސިޓީން އެންމެ ފަހުން ތަށި ހޯދީ 2023 ވަނަ އަހަރުގައެވެ. ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލް ކުއާޓާ ފައިނަލަށް ދަތުރުކުރީ ތިންވަނަ ޑިވިޝަނުގެ މެންސްފީލްޑް 2-1 އިން ބަލިކުރުމަށްފަހުގައެވެ. މި ބުރުގައި މިކޭލް އާޓެޓާގެ އާސެނަލް ބައްދަލުކުރާނީ ފުލަމް ބަލިކޮށް ކުއާޓާއިން ޖާގަ ހޯދި ސައުތެމްޓަންއާއެވެ. އަނެއްކޮޅުން ޗެލްސީ އަމިއްލަ ދަނޑުގައި ނުކުންނާނީ ފަސްވަނަ ބުރުގައި އާދީއްތަ ދުވަހު ސަންޑަލޭންޑް 1-0 އިން ސިއްސުވާލުމަށްފަހު މުބާރާތުގެ ކުއާޓާއަށް ދަތުރުކުރި ލީގު ވަންގެ ޕޯޓް ވޭލްއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލުގެ ފަހު ޖާގަ ހޯދި ވެސްޓް ހޭމް ޔުނައިޓެޑް އަމިއްލަ ދަނޑުގައި ނުކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ. ވެސްޓް ހޭމް މި ބުރަށް ދަތުރުކުރީ ބްރެންޓްފޯޑާ އެކު ކުޅުނު މެޗު 2-2 އިން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 5-3 އިން މޮޅުވެގެންނެވެ. އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 4 އަދި 5 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ